އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ވެސްޓް ހަމް ބަލިކޮށްފިއެވެ.

ވެސްޓް ހަމް ދަނޑުގައި ރޭ އާސެނަލުން މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާސެނަލް ވަނީ އިނގެރޭސި ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެއީ 13 މެޗުން 25 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި މިވަގުތު ލިވަޕޫލް، 12 މެޗުން 31 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އާސެނަލްގެ ފަހަތުން އޮތީ ބްރައިޓަން އެވެ. އެއީ 13 މެޗުން 23 ޕޮއިންޓާއެކުގައެވެ.

ފޯމު ދަށްކޮށް އޮތް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ހަތަރު ވަނައިގައި 12 މެޗުން 23 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ ފަސްވަނައިގައި އޮތީ 12 މެޗުން 22 ޕޮއިންޓާއެކުގައެވެ.

އާސެނަލުން މެޗުގެ 10 ވަނަ މިނެޓުގައި ވެސްޓް ހަމް ކޮޅަށް ފުރަތަމަ ގޯލު ޖެހީ ކޯނަރެއްގައެވެ. ކޯނަރާއި ހިލޭ ޖެހުންތަކުގައި ނުރައްކާކޮށް ފެނިގެންދާ އާސެނަލުން ލީޑު ނެގީ ޑިފެންޑަރު ގެބްރިއަލް ޖައްސާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އެއީ ބުކަޔޯ ސަކާގެ ކޯނަރަކުންނެވެ.

އެ ގޯލަށް މާ ގިނައިރެއް ނުވެ، 27 ވަނަ މިނެޓުގައި އާސެނަލުން ލީޑު ފުޅާކުރިއެވެ. ހިތްގައިމު ކުޅުމަކުން އެ ގޯލު ޖެހީ ލެއާންޑްރޯ ޓްރޮސާޑެވެ. ޓްރޮސާޑް ގޯލު ޖެހީ މެދުތެރެއިން މާޓެން އޮޑެގާޑް ދުއްވާލި ޗިޕަކުން ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މެޗުގެ ހުރިހާ ގޯލެއްވެސް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގެ ފަހު 10 ވަރަކަށް މިނެޓް ފެނުނީ ޝައުގުވެރިކޮށެވެ. އޮޑެގާޑްގެ ޕެނަލްޓީއަކުން އާސެނަލް ތިންވަނަ ގޯލެއް ޖެހި އިރު، 36 ވަނަ މިނެޓުގައި ކައި ހަވާޓްސް އާސެނަލަށް ހަތަރު ވަނަ ގޯލެއްވެސް ޖަހައިދިނެވެ. އެއީ ހުސްކޮށް އަރައި އޭނާ ޖެހި ގޯލެެވެ.

އެހިސާބުން ވެސްޓް ހަމްއިން އާސެނަލަށް ޖަވާބު ދޭން މަސައްކަތް ކޮށް، ދެ ގޯލެއް ޖެހިއެވެ. އެއީ އެރޮން ވެން-ބިސާކާއާއި އެމަސަން ޖެހި ގޯލުތަކެކެވެ. މެޗަށް އަނބުރާ ވަނުމަށް ވެސްޓް ހަމްއިން ކުރި މަސައްކަތަށް އިތުރު އުނދަގޫތަކަކާ ކުރިމަތިވީ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އަނެއްކާވެސް އާސެނަލަށް ޕެނަލްޓީއެއް ލިބުމުންނެވެ.

އޭރިއާ ތެރެއިން ކޯނަރެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ލޫކަސް ފަބިއާންސްކީ، އާސެނަލްގެ ޑިފެންޑަރު ގެބްރިއަލްއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަކާއެވެ.

މިއީ ޕްރިމިއާ ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ހަތް ގޯލު ފެނިގެން ދިޔަ ހަތަރުވަނަ މެޗެވެ. އެ ގޯލުތަކާއެކު ދެވަނަ ހާފުގައި މާ ބޮޑު ހާސްކަމެއް ނެތި، އާސެނަލުން ވަނީ މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.

ވެސްޓް ހަމްއަށް އުނދަގޫ ފެށުމަކަށް މި ސީޒަނުގެ ފެށުންވެފައިވާ އިރު، އެޓީމުން އޮތީ ތާވަލުގެ 14 ވަނައިގައެވެ.