ލިވަޕޫލްގެ ފްރާންސް ޑިފެންޑަރު އިބްރާހިމަ ކޮނާޓޭއަށް އަނިޔާވެ، މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރަށް އަނިޔާވީ ލިވަޕޫލުން އެންމެފަހުން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ލިވަޕޫލުން ބުނީ ކޮނާޓޭގެ އަނިޔާއިން ރަނގަޅުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އަނިޔާއާއެކު ކުޅުމާ ދުރަށް ދާން ޖެހޭނެ ސީދާ މުއްދަތެއް އަދި ޔަގީން ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އިތުބާރު ހުރިހާ ނޫސްތަކުންވެސް ބުނެފައި ވަނީ ކޮނާޓޭ، ހަ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަން ވެގެންދާނީ ލިވަޕޫލަށް މާޔޫސް ކަމަށެވެ.

ހާއްސަކޮށް، މި ހަފުތާގެ ލީގުގައި ލިވަޕޫލުން ކުޅެން އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މިދިޔަ ހަތަރު އަހަރުގެވެސް ލީގު ޗެމްޕިއަން ސިޓީން މިވަގުތު ދަށް ފޯމެއްގައި އޮތް ނަމަވެސް، ލީގު އެއްވަނައިގައި މަގާމު ދަމަހައްޓަން ލިވަޕޫލަށް ސިޓީ މެޗު މުހިއްމު ވާނެއެވެ.

ލިވަޕޫލަކީ މިހާތަނަށް ލީގުގައި އެންމެ ޑިފެންސް ރަނގަޅު އެއް ޓީމެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުގައި އެޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ އަށް ގޯލެކެވެ.