މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި ފުލުހަކު ބައިވެރިވާ ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމުގައި ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވައިބާ މެދުވެރިކޮށް މަކަރާއި ހީލަތުން ފުލުހަކާއި އޭނާގެ އަންހެނުން ގިނަ އަދަދަކަށް ފައިސާ ހޯދަމުންދާ ކަމަށެވެ. އެ ދެ މީހުންގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެ މީހާގެ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމާއެކު ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ވައިބާ އެކައުންޓު ރިކަވާކޮށް، އެ އެކައުންޓުގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެ އެކައުންޓު ގެނެވިފައިވާ ކަމަށާއި އަދި ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމުލަ 10،100 ރުފިޔާ، އީމެއިލް އަދި ބޭންކް އެކައުންޓު ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 5600 ރުފިޔާ، ފައިސާ ދައުރުވެފައިވާ އެކައުންޓުތަކުގެ ތެރެއިން އެކައުންޓެއްގައި ހޯލްޑް ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތުކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. އޭގެ ތެރެއިން، މި މައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރުކުރުމުގައި ބޭނުންކުރި އެއް ބޭންކު އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކު އެކައުންޓު ކަމުގައިވީ ނަމަވެސް، އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލް އާއި ބޭންކު އެކައުންޓު ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ވަނީ ފާހަގަކުރެވިފައެވެ..،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން އެކަމުގައި ފާހަގަކުރެވިއްޖެ ނަމަ، އެ ފުލުހެއްގެ މައްސަލަ ބަލާނެ ކަމަށާއި އެ މައްސަލައިގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރާނެ ކަމަށެވެ.