ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށަށް ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިފިއެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ މަސައްކަތް ހުއްޓާލީ މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އެގޮތަށް އަންގާފައިވާތީ އާއި އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަންކަން ކުރިއަށްގޮސްފައިވާ މިންވަރަށް ބެލުމަށްފަހު އެ މަސައްކަތް ހުއްޓާލަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާތީ ކަމަށެވެ.
ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ، އެސްޓީއޯ އިން ގަނެ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ރައީސް އެގޮތަށް ނިންމެވީ އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހުށަހެޅުއްވި ކަރުދާހަކަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
އޭރު ރައީސް ނިންމެވީ މި އަހަރުގެ ނިޔަލަށް އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މި މަހު ވަނީ ފެނަކައިގެ ހާލަތު ރަނގަޅު ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން މިސާލަކަށް ސިނާޖީ ހާސިލުކުރެވޭ ގޮތަށް ސްޓެލްކޯއާ ފެނަކަ އެއްކޮށްލުން ފަދަ މަސައްކަތްތަކެއް ކުރުމަށް ދިރާސާކޮށް ކުރިއަށް އޮތް އަހަރު ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު