ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވި ނޮލެޖް ސެންޓަރަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޕަބްލިކް ލައިބްރަރީ އެންޑް ވެލްނެސް ސެންޓަރަކާއެކު ކުޅުދުއްފުށީގައި ހެދި ނޮލެޖް ސެންޓަރުގެ އަމާޒަކީ ކޮމިއުނިޓީ ހަބެއްގެ ގޮތުގައި މަސައްކަތްކޮށް، އުނގެނުމާއި ކުރިއެރުމާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ޖާގަ ހޯދައިދިނުމެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ނޮލެޖު ސެންޓަރުގެ ޕަބްލިކް ލައިބްރަރީއަށް ކޮމްޕިއުޓާ ސިސްޓަމްތަކާއި ވީޑިއޯ ކޮންފަރެންސް ޑިވައިސްތަކާއި ފޮތްތަކުގެ ކަލެކްޝަނެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ވަސީލަތްތަކުގެ ބޭނުމަކީ ޓެކްނޮލޮޖީއަށް ވާސިލުވުން އިތުރުކޮށް، އުނގެނުމަށް ލޯބި އުފައްދައި، އިލްމު ހިއްސާކުރުމާއި ޑިޖިޓަލް ލިޓްރަސީގެ ސަގާފަތެއް ތަރުބިއްޔަތުކުރުން ކަމަށް ދިރާގުން ބުންޏެވެ.

"ނޮލެޖް ސެންޓަރަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ވަސީލަތްތަކާއި ތައުލީމީ ވަސީލަތްތައް ފޯރުކޮށްދީގެން މުޖުތަމައު އިތުރަށް ބާރުވެރިކޮށް ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރަން،" ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.

ދިރާގުން ވަނީ ނޮލެޖު ސެންޓަރަށް 100 ގަސްވެސް ހަދިޔާކޮށްފައެވެ.