މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސާ މަރިޔަމް ވަހީދާ އާއި ބްރޯޑްކޮމްގެ މެންބަރު އަލީ ޔޫސުފުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިމަހުގެ 18 ވަނަ ދުވަހު ވެސް ހުޅުވާލިއެވެ.

އެ އިއުލާން ބާތިލުކޮށް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބްރޯޑްކޮމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މަރިޔަމް ވަހީދާ އާއި ޔޫސުފުގެ ދައުރު އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަމަވާނެއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. އެތަކެތި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  • މުސްލިމަކު ކަމުގައިވުން
  • ދިވެހިރައްޔިތަކު ކަމުގައިވުން
  • އުމުރުން 18 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަޙަތެއް އޮތް މީހަކު ކަމުގައި ނުވުން