ޕޯޗުގަލްގެ ގައުމީ ޓީމުތަކުގެ ޖާޒީ ފަރުމާކޮށް، ކިޓް ސަޕްލައި ކޮށްދޭނެ އާ ކުންފުންޏެއްގެ ގޮތުގައި ޕޫމާއާއެކު ސޮއިކޮށްފިއެވެ.

ޕޫމާއިން ބުނީ ޕޯޗުގަލްއާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ދިގު މުއްދަތަކަށް ކަމަށާއި، އެ ގައުމުގެ ފުޓްސަލް، ބީޗް ފުޓުބޯޅަ، އީ ސްޕޯޓްސް ޓީމުތަކުގެ އިތުރުން ސީނިއާ އަދި ޖޫނިއާ ފިރިހެން ފުޓުބޯޅަ ޓީމުތަކާއި އަންހެން ފުޓުބޯޅަ ޓީމުތަކަށްވެސް ދެން ކިޓް ސަޕްލައި ކޮށްދޭނީ ޕޫމާއިން ކަމަށެވެ.

ޕޯޗުގަލްއަކީ އެމެރިކާގެ ނައިކީއާއެކު ގިނަ ދުވަސްތަކެއް ވާންދެން އެއްބަސްވުމެއްގައި މަސައްކަތް ކޮށްފައިވާ ގައުމެކެވެ. 1997 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ފުޑުބޯޅަ ފެޑެރޭޝަނާއި ނައިކީއާއެކު ވެފައިވާ އެއްބަސްވުން ނިންމާލި ސީދާ ސަބަބެއް ފެޑަރޭޝަނުން ބުނެފައެއް ނުވެއެވެ.

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ޕޫމާއިން ޕޯޗުގަލް ގައުމީ ޓީމުތަކުގެ ހާއްސަ ކިޓްތައް ނެރެން ތާވަލުކޮށްފައި ވަނީ އަންނަ އަހަރަށެވެ.

ޕޯޗުގަލްއިން ޕޫމާއާއެކު ސޮއިކުރުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އެއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ނައިކީގެ އެންމެ ބޮޑު ބްރޭންޑް އެމްބެސެޑަރު ކަމަށް ވާތީއެވެ. އެހެން ނަމަވެސް، ރޮނާލްޑޯ މިވަގުތު ޔޫރަޕުން ބޭރުގައި ކުޅެމުންދާތީ، ނައިކީންވެސް ވަނީ އޭނާއަށް ދޭ ސަމާލުކަން ކުޑަކޮށްފައެވެ.