އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ އީސީގެ ނައިބު ރައީސް އަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް ކޮމިޝަނުން ވަކިކުރަން ފާސްކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނަކުން ވަނީ އީސީގެ މެންބަރު ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ހުޅުވާލައިފައެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އިއުލާނުގައިވެއެވެ.

  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • އުމުރުން 25 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

އީސީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ.

ފުއާދުގެ ބަދަލުގައި އެ މަގާމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ ފަސްވަނަ ދުވަހު ފާސްކޮށްފައެވެ.