ދިވެހިރާއްޖޭގެ ކުޅިވަރު އޮނިގަނޑު ލާމެހިފައިވާ ނިޒާމަކުން ކުރިއެރުވުމުގެ މަގުސަދުގައި، ކުޅިވަރުގެ އޮނިގަނޑު ހަރުދަނާކުރުމަށް ރާއްޖޭގެ ގައުމީ ކުޅިވަރު އޮނިގަނޑުގެ ނަމުގައި މާއްދާއެއް ކުޅިވަރު ގާނޫނަށް އިތުރުކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.
މިހާރު އޮތް ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ބަހުސް މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އެ ބިލުގައިވާ ގޮތުން މިހާރު އޮތް ގާނޫނުގެ ހަތަރުވަނަ މާއްދާގެ ފަހަތަށް ވަނީ އިތުރު މާއްދާއެއް އިތުރުކުރަން ނިންމައިފައެވެ.
އެއީ ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރުގެ އޮނިގަނޑުގެ ނަމުގައެވެ. އެ މާއްދާގެ މަގުސަދަކީ ސްކޫލުތަކުގައި ކުޅިވަރު ހަރަކާތްތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި ކުޅިވަރު ތަރައްގީކުރުމުގައި ސްކޫލުތަކުގެ ދައުރު ފުޅާކޮށް، ސްކޫލުތަކުގައި ހިންގާ ވާދަވެރި ކުޅިވަރު ހަރަކާތްތަކުގެ ފެންވަރު މަތިކުރުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ތަފާތު މަރުހަލާތަކުގައި ކުޅުންތެރިންނާއި ކޯޗުން، އޮފިޝަލުންގެ އިތުރުން ކުޅިވަރު ހިންގުންތެރިންނަށް ތަރައްގީއަށް ބޭނުންވާ ފުރުސަތު ފަހިކޮށްދީ އެންމެ ހަގު އުމުރުން ފެށިގެން ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް، އެ ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމުގެ ހަރަކާތްތައް ކަނޑައެޅޭ މަންހަޖެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުންވެސް އެއީ އެ މާއްދާގެ މަގުސަދެކެވެ. އަދި ސްކޫލު ދައުރު ނިމި، ގައުމީ ކުޅިވަރު ފެށުމާ ދެމެދު ހިނގާ މުއްދަތު ހަރުދަނާ ނިޒާމަކުން ގުޅި ލާމެހުންވެސް އެއީ އެ މާއްދާގެ ބޭނުމެއް ކަމަށް ބުނެފައިވެއެވެ.
އެ އިސްލާހާ ގުޅޭގޮތުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ޕީއެސްއެމްގެ ހަފުތާ 52 ޕްރޮގްރާމުގައި ދާދިފަހުން ވާހަކަ ދައްކަވާފައިއެވެ. މިނިސްޓަރު ފާހަގަކުރެއްވީ ރީޖަނަލް ކުޅިވަރު ހަރަކާތްތައް ހިންގަން ޖެހޭ ކަމަށާއި، ހުނަރު ހޯދަން އޮތް ގޮތަކީ އެއީ ކަމަށެވެ.
"ކުޅިވަރުގެ ރީޖަނަލް އެކްޓިވިޓީސް އޮންނަން ޖެހޭ. ރީޖަނަލް ގޭމްސްތައްވެސް ކުޅެވެން ޖެހޭ. މުބާރާތްތައްވެސް އޮންނަން ޖެހޭ. އެހެންކަމުން އެކަން ރަނގަޅު ގޮތެއްގައި، ވަށާ ޖެހޭ ގޮތެއްގައި އެކަން ކުރެވޭނީ ގާނޫނަށްވެސް އެ ބަދަލު ގެނެސްގެން. ރީޖަނަލް އޮތޯރިޓީތައް ފޯމުކުރުން އެއީ ކުރަން ޖެހޭ ކަމެއް. އޭރުން އެއީ ބޮޑީއެއް އެ ފޯމު ވަނީ. އެ ބޮޑީގައި ހިމެނޭނެ އެ ކުޅިވަރުތަކެއްގައި ޝާމިލުވާ ސްޓޭކް ހޯލްޑާސް. އެ ބޭފުޅުންގެ ބެލުމުގެ ދަށުން މުޅި އަހަރު ކުޅިވަރު ހަރަކާތްތައް ދާނީ ކުރިއަށް،" ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ސްކޫލް ސްޕޯޓްސް އޮތޯރިޓީވެސް އުފައްދަން ގަސްދުކުރައްވާ ކަމަށާއި، ސްކޫލް ކުދިންގެ ކުޅިވަރު ހަރަކާތްތައް އަހަރު ތެރޭގައި ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެ މުބާރާތްތައް ރަނގަޅަށް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލު ކަލަންޑަރަށް ފުށު ނާރާ ގޮތަށް ރީޖަނަލީ ބާއްވަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާފިއު ވިދާޅުވީ ރީޖަނަލް މުބާރާތްތަކުން ހުނަރު ހޯދުމަށްފަހު ހައި ޕާފޯމަންސް ސެންޓަރު އެހީވާނެ ކަމަށާއި، ދެން އެ ހިސާބުން މެޑަލް ކެޕޭބަލް އެތުލީޓުން ހޯދައި، އެ ކުދިންނަށް ކުޅިވަރު ފަންޑުން ހަރަދު ކުރެވޭނެ ކަމަށެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން