އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) އިން ޖޫނިއާ ބެޑްމިންޓަން ޗެލެންޖް 2024 ބާއްވަން ތައްޔާރުވެއްޖެއެވެ.
މާލޭގެ އެކުވެނީ ބެޑްމިންޓަން ކޯޓުގައި މިމަހު 28 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ މުބާރާތް އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މުބާރާތުގެ ޖޫނިއާ އެކި އުމުރުފުރާތަކުގެ 150 ކުޅުންތެރިން ފެނިގެންދާނެއެވެ.
ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ގިނަ ފަހަރު މަތިން ހޯދައި، ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ އަޖުފާން ހިންގަމުންދާ އައިބާއިން ޖޫނިއާ މުބާރާތް ބާއްވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އެ މުބާރާތުގައި ފެންވަރު ރަނގަޅު ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން، ރަށްރަށުގެ އެކިއެކި މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިންނަށް ހާއްސަ ދައުވަތުތައްވެސް ދީފައިވެއެވެ.
އަޖުފާން "ވަން ސްޕޯޓްސް"އަށް ބުނީ މުބާރާތުން ރާއްޖޭގެ ޖޫނިއާ މޮޅު ކުޅުންތެރިންތަކެއް ފެނިގެން ދާނެ ކަމަށާއި، ހާއްސަކޮށް އަތޮޅު ތެރެއިން ވަރުގަދަ ކުޅުންތެރިން މުބާރާތުގައި ފެނިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން މާލެ ސަރަހައްދުންވެސް އެންމެ މޮޅެތި ކުޅުންތެރިން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް އަޖުފާން ވަނީ ބުނެފައެވެ.
އަޖުފާން އެކަޑެމީން މިމަހުގެ 15 އިން 22 އަހަރާ ދެމެދަށް ވެސް އެކަޑެމީ ކުޅުންތެރިންނަށް އަމާޒުކޮށް ކާމިޔާބު މުބާރާތެއް ވަނީ ނިންމާލައިފައެވެ. އެއީ އުމުރުން 9 އަހަރުން ދަށާއި، 11، 13، 15 އަދި 17 ގެ އިތުރުން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މުބާރާތެކެވެ.
އަހަރުގެ އެންމެ ފަހު އިވެންޓެއްގެ ގޮތުގައި އަޖުފާން އެކަޑެމީން އާއްމުކޮށް ހުޅުވާލައިގެން ޖޫނިއާ މުބާރާތެއް ބާއްވަން ތައްޔާރުވެފައިވާ އިރު، މިއަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް އެ އެކަޑެމީން ހިންގާފައިވެއެވެ. އެގޮތުން ކުޅުންތެރިންގެ މައިޑްސެޓް، ޗެމްޕިއަނުންގެ ގޮތުގައި ބައްޓަން ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމުގެ އިތުރުން ނައިފަރު އޯޕަންގައި ކުޅުންތެރިން ބައިވެރިކޮށްފައިވެއެވެ. އަދި އެ މުބާރާތުގައި އަޖުފާން އެކަޑެމީގެ ކުދިންނަށް ގިނަ ކާމިޔާބީތަކެއް ލިބިގެން ގޮސްފައިވެއެވެ.
އޭގެ އިތުރުން ފެބްރުއަރީ މަސް ތެރޭގައި އައިބާ އޯޕަން ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވާފައިވެއެވެ. އެ މުބާރާތުގައި ރެކޯޑު 280 ކުދިން ވާދަކޮށްފައިވެއެވެ. އޭގެފަހުން މާޗު މަސް ތެރޭގައި އައިބާ އެކަޑެމީ ކުޅުންތެރިންގެ ބެލެނިވެރިންނަށް ހާއްސަކޮށް، ޕޭރެންޓްސް ކަރާ ކަޕް ބާއްވާފައިވާ އިރު، އެ މުބާރާތުގައި 50 ބެލެނިވެރިން ވާދަކޮށްފައިވެއެވެ.
އަޖުފާން އެކަޑެމީ ބާރު ސްޕީޑުގައި ކުރިއަރަމުންދާ އިރު، މިއަހަރު ސްކޫލް ބަންދުގައި އެ އެކަޑެމީގެ 30 ކުދިން ވަނީ 21 ދުވަހުގެ ތަމްރީނުތަކަށް އިންޑިއާ، މެލޭޝިއާ އަދި ސްރީ ލަންކާއަށްވެސް ގޮސްފައެވެ. އެ ދަތުރުތަކުގެ ތެރެއިން ސްރީ ލަންކާގެ އާރްއެސްބީއޭއާއެކު ކޮލަބްރޭޝަން އެގްރީމެންޓެއްގައިވެސް ސޮއިކޮށްފައިވެއެވެ.
އޭދަފުށީގައި ބޭއްވި ބެޑްމިންޓަން މުބާރާތުގައިވެސް އަޖުފާންގެ އައިބާ އެކަޑެމީން ބައިވެރިވެފައިވާ އިރު، އޭގެފަހުންވެސް ބެލެނިވެރިންގެ ބައިވެރިވުން ބޮޑުކުރުމަށް ސެޕްޓެމްބަރު މަސް ތެރޭގައިވެސް ޕޭރެންޓް ޔުނިޓީ ކަޕެއް ކުރިއަށް ގެންގޮސް، ކާމިޔާބުކަމާއެކު ނިންމާލާފައިވެއެވެ.
އެންމެފަހުން ބޭއްވި އައިބާ އެކަޑެމީގެ ހާއްސަ މުބާރާތުގައިވެސް 100 އަށްވުރެ ގިނަ ކުދިން ވަނީ ވާދަވެރި މެޗުތަކެއް ކުޅެ، އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން