މުވައްޒަފުންނަށް ޖާސޫސްކޮށް ފާރަލާފައިވާ ކަމަށް ތުހުމަތުތައް ސާބިތު ނުވާތީ، ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ކޮމިޝަންގެ މެންބަރުކަމުން ވަކި ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނާސިހުގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަތައް ވަނީ ދިރާސާ ކޮށްފައެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ، ކޮމިޝަންގެ ބައެއް ވެރިންގެ ކޮމްޕިއުޓާ ސިސްޓަމަށާއި ކޮމިޝަންގެ ޓްރެއިނިން އިންސްޓިޓިއުޓްގައި ތިއްބަވާ ބައެއް ފަރާތްތަކުގެ ކޮމްޕިއުޓާ ސިސްޓަމަށް ސޮފްޓްވެއާއެއް އަޅައިގެން އެ މުވައްޒަފުންނަށް ޖާސޫސުކޮށް ފާރަލުމެވެ.
ކޮމިޝަންގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނައި ފައިނޭންސް ސެކްޝަންގެ ޑިރެކްޓަރުން ހޮވުމަށްޓަކައި ވަކި ފަރާތްތަކަކަށް ހާއްސަ ކޮށްގެން ގަވާއިދަށް ނުވަތަ އުސޫލަށް ބަދަލު ގެންނަން ނިންމިކަމުގެ ތުހުމަތާއި ކޮމިޝަންގެ ކައުންސެލް ޖެނެރަލް ޗުއްޓީއަށް ވަޑައިގަތުމުން، ސީނިއާ ލީގަލް ކައުންސެލްއާ އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ބަދަލުގައި އުސޫލާ ހިލާފަށް ޖޫނިއާ މުވައްޒަފަކާ މަސްއޫލިއްޔަތު ހަވާލުކުރުމަށް ނިންމި ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ޕްރޮބޭޝަންގައި ފެއިލްވެފައިވާ މުވައްޒަފެއްގެ ޕްރޮބޭޝަން ފޯމް ފުރުމަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އޭނާގެ ސުޕަވައިޒާ ލަފާދީފައިވަނިކޮށް، އެ މުވައްޒަފު ވަޒީފާއިން ވަކިނުކުރުމަށް ނިންމުމާއި ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް، ދިވެހި ސިވިލް ސާވިސްއިން ވަޒީފާ ދިނުމުގައި، އެމީހެއްގެ ތައިލީމީ ފެންވަރާއި މަސައްކަތު ހުނަރާއި ގާބިލްކަމާއި ތަޖުރިބާއަށް ބެލުމެއްނެތި ވަޒީފާ ހަމަޖެއްސުމަށް ނިންމިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެގޮތުން ކުރީގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ އެދުމަށް ވަޒީފާތަކަށް އެކި މީހުން ހަމަޖައްސަން ނިންމިކަމާއި އޭރު ބޭއްވި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކުރީގެ މިނިސްޓަރެއް ވަކި ބަޔަކަށް ވަޒީފާ ދިނުމަށް އެދުމުން، އެފަދައިން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށާއި އަދި ކުރީގެ މިނިސްޓަރެއް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަގާމަކަށް މީހަކު އައްޔަންކޮށްދިނުމަށް އެދުމުން އެފަދައިން އެކަން ހަމަޖައްސައިދީފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މަޖިލިސް ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓްގައި އެ ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ބުނެ އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ނުފެންނަ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެހެންކަމުން އެކަމުގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އޭނާ މަގާޟުން ވަކިކުރަން ނުފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު