އެޕޯލޯ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ކްރެޑިޓަށް ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ 27 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ ދެއްކުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އެޕޯލޯ ކުންފުނިން ފެނަކައާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދިފައި އޮތީ އެ ކުންފުނިން ފެނަކައަށް ދީފައިވާ މުދަލާ ގުޅިގެން ދައްކަން ޖެހި ނުދައްކައިވާ 27.1 މިލިއަން ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ފެނަކައިން ނަގައިދިނުމަށެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށާއި އެ ފައިސާ ނުލިބި ލަސްވާ ލަސްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެޕޯލޯ ކުންފުނިން އެދުނެވެ.
އޭގެ އިތުރުން ފެނަކައިން އެ ދައުވާއަށް ރައްދުދީފައިނުވާތީ މައްސަލަ ފެނަކައިގެ ގައިރު ހާޒިރުގައި ކުރިއަށް ގެންދިއުމަށްވެސް އެޕޯލޯ ކުންފުނިން ކޯޓުގައި އެދުނެވެ.
މި މައްސަލައިގެ ހުކުމުގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފް ވިދާޅުވީ ދައުވާ ލިބޭ ފަރާތުން ދައުވާ ފޯމާއި އެ ފޯމާއި ގުޅޭ ލިޔުންތަކާ ހަވާލުވުމަށްފަހު ދައުވާއަށް ރައްދުދީފައިނުވާނަމަ ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަަމަށެވެ.
ގާޒީ ވިދާޅުވީ ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާތަކުގެ ތެރެއިން އެޕޯލޯ ކުންފުނިން، ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލާ ގުޅިގެން 2024 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ދައްކަންޖެހޭ 27.1 މިލިއަން ރުފިޔާއަކީ ނަގައިދެވޭނެ ފައިސާ ކަމުގައި ދެކޭ ކަމަށެވެ. ނަމަވެސް ހަރަދުކޮށްފައިވާ ފައިސާއެއްކަން ސާބިތުނުވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ނަގައިނުދެވޭނެ ކަމަށް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، ފެނަކަ އިން ފައިސާ ނުދިނުމުގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެޕޯލޯ ކުންފުނިން އެދުނު ނަމަވެސް ދައުވާކުރާ ފަރާތުން އެ ދައުވާގެ ތެރޭގައި ހޯދުމަށް އެދެވެން އޮތް ފަރުވާއެއް ހޯދުމަށް ނޭދި، އެ މައްސަލައިގެ ތެރެއިިން އެ ދައުވާކުރުމަށް ފުރުސަތު ދިނުމަކީ އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމަށް ފުރުސަތު ދިނުން ކަމަށެވެ. އެހެންކަމުން ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދައުވާކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ.
ގާޒީ އިތުރަށް ވިދާޅުވީ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެޕޯލޯ ކުންފުނިން އެދިފައިވީ ނަމަވެސް، އެ ފައިސާ ދެއްކުމަށް ފެނަކައަށް ދީފައިވާ މުއްދަތަކީ ދައުވާގައި އެކަށީގެންވާ މުއްދަތެއް ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން ތިން މަސް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.
އެ ހުރިހާ ކަންކަން ފާހަގަކުރެއްވުމަށްފަހު ގާޒީ ހުކުމް ކުރެއްވީ ފެނަކަ އިން ތިން މަސް ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ 27.1 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ. އަދި ޝަރީއަތުގެ ހަރަދު ނަގައިނުދެވޭނެ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ކުރުމުގެ ފުރުސަތުވެސް ވަކިން ދެވެން ނެތް ކަމަށްވެސް ހުކުމް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު