އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބް ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވޯޓަށް ނާހަން މަޖިލިސް ރައީސް ނިންމަވައިފިއެވެ.

މަޖިލީހުގެ ވޯޓު ގަޑީގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ، އެ ދެ ބޭފުޅުން ކޮމިޝަނުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ މައްސަލައިގައި ވޯޓަށް ނާހަން ނިންމެވީ ކަމަށް ވިދާޅުވިއެވެ.

އަބްދުއްސަލާމް އާއި ތޯހާ ކޮމިޝަނުން ވަކިކުރުމުގެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންނެވެ. ނަމަވެސް އެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދަނިކޮށް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެ ދެ ބޭފުޅުންނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ދިރާސާކޮށް، އެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި އަބްދުއްސަލާމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާކުރެވޭ ވަރަށް ހެކި ހުރެ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަ ފައިލްކުރުމާއި ބިންވެރިޔާ ސްކީމްގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރިލިމިނަރީ އިންވެސްޓިގޭޝަނުން ލަފާދީފައިވަނިކޮށް ރިޔާސީ އިންތިހާބާ ގުޅިގެން ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުން ވެދާނެތީ، އެ ތަހުގީގު އޯވަސީކުރާ އިސް ފަރާތުގެ ހައިސިއްޔަތުން މައްސަލަ ހުއްޓުވި ކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޯނު ހިފަހައްޓައ،ި ބަލައި ފާސްކުރުމަށްޓަކައި ހޯދަން އުޅުނު ކޯޓު އަމުރުތައް ހޯދުން ލަސްކޮށް ހެކި ނައްތާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

ކޮމިޝަންގެ މެމްބަރުކަން ލިބުނު ފަހުން އެ ކޮމިޝަނުގެ އޮނިގަނޑު އިސްލާހުކޮށް ފޮރެންސިކް ސެކްޝަނެއް ހަދައި އެ ތަނުގެ ވެރިއަކަށް ކުރިން އެ ކޮމިޝަންގައި މަސައްކަތް ކުރ،ި ނައިބް ރައީސް އާއި އެ ކޮމިޝަންގެ އެހެން މެންބަރަކާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ގާތް މުވައްޒަފެއް ނަގާފައިވާ ކަމާއި އެ ސެކްޝަނުން ކުރާ މާބޮޑު މަސައްކަތެއް ނޯންނައިރު އެ ތަން ކުރިއަރުވަން މާބޮޑު ކަމެއް ފާއިތުވެ ދިޔަ މުއްދަތުގައި ކޮށްފައިނުވާކަން ފާހަގަކުރުމުގެ އިތުރުން އެ ކޮމިޝަންގެ އޮނިގަނޑު އަލުން އިސްލާހުކޮށް އާ ޑިޕާޓްމަންޓެއް ހަދައި އެ މުވައްޒަފަށް އެ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމު ދިނުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން އަބްދުއްސަލާމް ބޭނުންވާ ގޮތަކަށް ކަންކަން ނުކުރެވޭތީ ކޮމިޝަންގެ ރަޖިސްޓްރާ މަގާމުން ވަކިކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ބޭނުންވާ ގޮތަށް މައްސަލަތައް ނިންމުމަށް ކޮމިޝަންގެ އެހެން މެންބަރުންނަށް ބާރު އަޅާ ކަމަށާއި އެއް ބާވަތެއްގެ އެއް ކަހަލަ ހެކިތަކެއް ހުންނަ މައްސަލަތަކުގެ ނިންމުންތައްވެސް ތަފާތުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އަމިއްލަ މަސްލަހަތަށް އިސްކަންދީގެން މައްސަލަަތައް އެޖެންޑާ ކުރުމާއި ގިނަ ފަހަރު އެހެން މެންބަރުންނަށް ރިޕޯޓު ބަލާލަން ވަގުތު ނުވާނެ ގޮތަށް އެޖެންޑާކޮށް މައްސަލަތައް ނިންމާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެގޮތުން 2022 ވަނަ އަހަރުގެ މައްސަލަތަކެއް އެޖެންޑާނުކޮށް ބަހައްޓައި، އަހަރު ނިމެން ގާތްވުމުން ޑިސެންބަރު ފަހުކޮޅު ފުލުފުލުން ބައްދަލުވުންތައް ބާއްވައި މައްސަލަތައް ނިންމާފައިވާކަމާއި ހުސްވި އަހަރުވެސް ކަންތައްކުރީ ހަމަ އެގޮތަށް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ތޯހާއަށް ކޮމިޓީން ކޮށްފައިވާ ތުހުމަތަކުގެ ތެރޭގައި، ކޮމިޝަންގެ ވަޒީފާ އިން ވަކިކޮށްފައިވާ މުވައްޒަފެއްގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް ނުފޫޒުން އެ އިސްތިއުނާފު ބާތިލުކޮށް އެ ފަރާތަށް ބަދަލު ނަގައިދިންކަމާއި ބަދަލުދިނުމުގައި މީގެ ކުރިން އޭސީސީން އަމަލުކުރަމުން ދިޔަ ގޮތާ ހިލާފަށް އެހެން ދެ ތަނެއްގައި އެ ފަރާތުން ވަޒީފާ އަދާކުރި މުއްދަތު ހިމަނައިގެން ބަދަލުނަގައިދުން ހިމެނެއެވެ.

އޭގެ އިތުރުން އޭސީސީގެ މެންބަރުންނަކީ ކޮމިޝަންގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރ،ު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގެ ވެބްސައިޓްގައި އެ ލޯފާމްގެ އެޓާނީންގެ ތެރޭގައި މިހާރުވެސް މެންބަރު ތޯހާ ހިމަނާފައިވާކަންވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.