އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތުއާއި ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބޭފުޅުން ވަކިކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ، ނުފޫޒާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ ބޭފުޅުން ކޮމިޝަންގެ މެންބަރުން ކަމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންގެ އިތުރުން، ހަމަ އެ ތުހުމަތުތަކާއެކު ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު ކޮމިޝަނުން ވަކިކުރަންވެސް ކޮމިޓީ ރިޕޯޓުގައި އެދިފައިވެއެވެ. ނަމަވެސް އޭނާ ވަކިކުރަން މަޖިލީހުން ފާހެއް ނުކުރިއެވެ.
ނަޝާތު ވަކިކުރަން ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 69 މެންބަރުންނެވެ. އޭނާ ވަކިކުރަން ނުފެންނަނަ ކަަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ. އާސިފް ވަކިކުރަން ވޯޓު ދެއްވީ 68 މެންބަރުންނެވެ. އޭނާ ވަކި ނުކުރުމަށްވެސް އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވިއެވެ. ނަމަވެސް ޒާހިރު ވަކިކުރަން ފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އޭގެ ބަދަލުގައި އޭނާ ވަކިކުރަން ނުފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވިއެވެ.
އެ ބޭފުޅުންގެ މައްސަލަތަައް ބެލުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައިވަނީ، ނަޝާތު އާއި އާސިފް އަދި ޒާހިރު ވިޔަފާރިކުރާ ފަރާތަކާ ގުޅިގެން އީސީއަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ހޯދާފައިވާ ކަމަށެވެ.
ކޮމިޝަންގެ މުވައްޒަފުންނާ މުއާމަލާތް ކުރުމުގައި އިހުތިރާމު ކުޑަކޮށް، ބޭއަދަބީ ބަހުން ނަޝާތު މުއާމަލާތްކުރާ ކަމަށާއި ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވައިގެން، ބައެއް ފަރާތްތަކާ ވާހަކަދައްކަވާއިރު ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަށް އެ ތިން ބޭޭފުޅުން ވިދާޅުވާ ކަމަށާއި ފައިސާއަށްޓަކައި ވޯޓު ވިއްކާނެކަމުގެ ވާހަކަދައްކައި އެ ކަންކަމަކީ މައްސަލައެއް ނޫން ކަމަށް ބުނާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ކޮމިޝަންގެ ބައެއް މުވައްޒަފުން ނަޝާތު ކޮންޓްރޯލް ކޮށްގެން ގެންގުޅޭ ކަމަށާއި އެގޮތުން އެ މުވައްޒަފުންނަށް ކެއުމާއި ސައި ދިނުމުގެ އިތުރުން އެކި ގޮތް ގޮތުން އެ މުވައްޒަފުންނަށް މަންފާ ހޯދައިދޭ ކަމަށާއި ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއިކުރި މެންބަރުންގެ ލިސްޓް އޭރުގެ ރައީސް އޮފީހުގެ އިސްފަރާތަކަށް ފޮނުއްވައި އެ ޕާޓީ އުފެއްދުމުގެ މަރުޙަލާގައި އެ ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވައިގެން އެ ކޮމިޝަންގެ ބައެއް މުވައްޒަފުންނާ ލޯބީގެ ގޮތުން ނަޝާތު ގުޅުން ބާއްވާ ކަމަށާއި ބައެއް މުވައްޒަފުންނާ ޒާތީ ގޮތް ބެހެއްޓުމާއި އެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅައި އޭނާ ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ބިރު ދައްކާފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ކޮމިޝަންގެ ޑޭޓާ ބޭސް އިން މައުލޫމާތު ނަންގަވައިގެން އެޕްލިކޭޝަންތައް ހަދައި ނަޝާތު އެ އެޕްލިކޭޝަން ވިއްކާ ކަމަށާއި އެ އެޕްލިކޭޝަންތަކުގެ އެކްސެސް، ސިޔާސީ ބައެއް ޕާޓީތަކަށް ދީފައިވާ ކަމަށާއި މިދިޔަ ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް ކޮމިޝަންގައި ނަޝާތު އާއި އާސިފް އަދި ޒާހިރު މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަންގައި މަކަރު ހަދައި އޮޅުވާލުމުގެ އަމަލުތަކެއް އެ ބޭފުޅުން ކޮށްފައިވާ ކަމަށާއި ގަސްދުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގު ފޯމު ހެއްދުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ޕާޓީއަށް 3000 މެމްބަރުން ހަމަވިޔަނުދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެ ބޭފުޅުން ބުނާ ގޮތަށް އަމަލުނުކޮށްފިނަމަ ކޮމިޝަންގެ ބިޑް ކޮމިޓީގެ މުވައްޒަފުން ވަކިކުރާނެ ކަމަށް ބިރުދައްކައި، ކޮމިޝަންގެ އެޗްއާރު ސިސްޓަމުން ބޭރުން އަމިއްލައަށް ވަކި ފޮތެއް ހައްދަވައިގެނ،ް މިޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ދުވަސްތަކުގައި ހާޒިރުވެ ވަޑައިގެންނެވިކަމަށް ނޯޓުކުރައްވައި އަދި ވަޑައިގަންނަވާ ދުވަސްތަކުގައި ވަޑައިގެންނެވި ގަޑި ގަސްތުގައި ނުބައިކޮށް ނަޝާތު ޖައްސަވާފައިވާ ކަމަށް ވެސް ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.
ކޮމިޝަންގައި ރައްކާކޮށްފައިވާ ދިވެހި ރައްޔިތުންގެ މައުލޫމާތު އާންމު ފަރާތްތަކަށް ވިއްކައި އެއިން މަންފާ ނަންގަވާފައިވާ ކަމަށާއި މުވައްޒަފުންގެ މެދުގައި ކޮމިޝަންގެ ރައީސްގެ އަގުވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު