އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ލަންކާ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި މިއަދުގެ ވަގުތެއްގައި ވަނީ އަތުލައިގެންފައެވެ. ހދ. މަކުނުދޫ ބޭރުން އަތުލައިގަތް އެ މަސްބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެއެވެ.
އެކަން ފާހަގަކުރައްވައި، އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން އެ ދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
"މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މި ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ލަންކާ މަސް ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.
ޝުޖާއު ވިދާޅުވީ އެއީ "އަށެންކުތަ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި އޭގައި ތިބީ ފަސް ފިރިހެނުން ކަމަށެވެ. އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު