ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ލަންކާ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ މަސްބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުން ކަމަށެވެ. ލަންކާ މަސް ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެއީ "އަށެންކުތަ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި އޭގައި އޭގައި ތިބީ ފަސް ފިރިހެނުން ކަމަށެވެ. އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

އެ ބޯޓު ހިފެހެއްޓީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށާއި އެ ބޯޓު ރޭ ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސް މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"މިއަދުގެ ހެނދުނު 9:30 ގައި އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ބޭފުޅުންނާ އެކު، ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފުލުހުން މި އުޅަނދު ބަލައި ފާސްކުރުމުން ޖުމުލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައި،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ލަންކާގެ ބޯޓާއި ދިވެހި ރާއްޖޭގެ އެއްވެސް މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުމެއްވާކަން އަދި އެނގިފައިވާ ނުވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޔުނިޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.