ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްހުލުވުމަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މިދިޔަ ބުދަ ދުވަހު ހުށަހަޅުއްވައިގެން ހަމަ އެ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރައްވައި، އަލީ ހުސެއިން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އޮނިގަނޑާވެސް ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އެހެންކަމުން އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާއިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް، ގާނޫނުއަސާސީ އާއި މުޅި ދިވެހި ދައުލަތް އެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރުމުގައި މީގެ ކުރިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުތަކާ ހިލާފަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.

"..ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔައި، އެ މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ތަދައްހުލުވުމަށް ނިންމާފައިވާކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ..،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ވަނީ، އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި އިސްލާހެއްކަން ފާހަގަކޮށް މައިގަނޑު ތިން ސަބަބެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީ ހުސައިންގެ މައްސަލައިގައި ވެސް ފާހަގަކޮށްފައިވާ ނުކުތާތަކެވެ.

"..ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލައި، ގާނޫނުއަސާސީގެ ކިތަންމެ ތަސައްވުރަކާ ދެކޮޅަށް އޮތް އަދި ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑު ބަދަލު ގެނުވާ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު ގާނޫނެއް ކަމުން، އެ ގާނޫނު ބާތިލުކުރުމަށް އެދި ގާނޫނީ ފަންނުގެ މާހިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށް ދަ ޑިމޮކްރެޓްސް އިން ތަދައްހުލުވުމަށް ވަނީ ނިންމައިފައެވެ..،" އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ އެ އިސްލާހު ހިލާފުވާކަމަށް އަލީ ހުސެއިން ވިދާޅުވާ އިރު، ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ރައްޔިތުންގެ ބާރު ކަމަށް ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ގާނޫނު އަސާސީގެ ސިޔާދަތު ބަޔާންކޮށްފައިވާ، 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ބަޔާންކޮށްފައިވާ 26 ވަނަ މާއްދާގައި ބުނަނީ މި ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެންވާ ކަމަށެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގު، މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާން ވާނެ ކަމަށެވެ. (ށ) ގައި ބުނަނީ އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު އޮންނަން ވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ އެމީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

މެންބަރުން މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަން ބަޔާންކޮށްފައިވާ، 75 ވަނަ މާއްދާގައި ބުނަނީ މަޖިލިސް މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހައްސަ ގުޅުމެއް އޮތް އެހެން މީހެއްގެ އެއްވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އަދި އެބައިމީހުން އެބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މެންބަރުންގެ އިމްތިޔާޒުތައް ހިމެނޭ 90 ވަނަ މައްދާގައި ބުނަނީ، މަޖިލިސް ޖަލްސާއެއްގައި، ނުވަތަ ކޮމިޓީއެއްގައި، މަޖިލިސް މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެމަތީން ދެއްވި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނަނީ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަން ހިނގިގޮތުގެ ހަގީގަތް ނުގެއްލޭގޮތަށް ޝާއިއުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ޝާއިއުކުރި ނޫސް މަސައްލާއަކާ މެދު އެއްވެސް ދައުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ.