ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުގެ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ) ވާދަކޮށް، ނަބާ ރަން މެޑަލް ހޯދައިފިއެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ނަބާއާއި ނަބީ ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ދެކުޅުންތެރިންވެސް ގައުމީ ފައިނަލުގައި ވާދަކޮށްފައިވާ އިރު، މިއީ ބީޑަބްލިޔުއެފް ސެންކްޝަންޑް މުބާރާތެއްގެ ސިންގަލްސް އިވެންޓަކުން ރާއްޖެ ހޯދި ފުރަތަމަ ރަން އަދި ރިހި މެޑަލްއެވެ.
ތާރީހީ ފައިނަލުގައި ނަބީގެ މައްޗަށް ނަބާ ކުރި ހޯދީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ނަބާ 22-20 އިން ގެންގޮސްފައިވާ އިރު، ދެވަނަ ސެޓު ނަބީ ގެންދިޔައީ 14-21ގެ ސްކޯއަކުންނެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ނަބާ ކާމިޔާބު ކުރީ 21-15 ގެ ނަތީޖާ އަކުންނެވެ.
ނަބާ ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ރަން މެޑަލް ގެނެސްދީފައެވެ. އެއީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ.
ރިވައިވަލްއިން ބޮޓްސްވާނާ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާއިރު، މިކްސް ޑަަބަލްސް ފައިނަލުގައި ނަބާއާއި ޒަޔާން ޒަކީގެ ޕެއާ މިއަދު ކުޅޭނެއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން