ދަ ހޯކްސް ކުންފުނީގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މީގެކުރިން މި މައްސަލައާގުޅޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަށް އެދި ކޮމިޓީން ވަނީ ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ދެ މިނިސްޓަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އޮތް މައްސަލައެއް ކަމަށާއި އެހެންކަމުން އެއީ ކޮމިޓީން އިސްނަގައިގެން ބަަލަންޖެހޭ މައްސަލައެއް ކަމަށެވެ.
އެހެންވެ ނާޒިމް ހުށަހެޅުއްވީ އެ މައްސަލައިގައި މެންބަރުން ބޭނުންވާ ސުވާލެއް މިނިސްޓަރުންނާ ކޮށްގެން، ލައިވްކޮށް ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ. އެކަމަށް ތާއީދުކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން އަބޫބަކުރެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި، އެ ކުންފުނިން ބުނެފައިވަނީ، ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށް އަމިއްލަ މަންފާ ނެގިކަމަށް ތުހުމަތުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ވަނީ ކ. ތިލަފުށީގައި ހުންނަ "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކޮށްފައެވެ. ސިނގިރޭޓުތައް އެތެރެކުރީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައި ވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ހޯކްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި އެ ކުންފުނީގެ ބައިވެރިވުން ވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން މުވައްޒަފުންތަކެއް ހިންގާފައިވާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އެ މައްސަލައިގައި ކުންފުނީގެ ފަރާތުން އިދާރީގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.
"އެގޮތުން ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވެއެވެ. ކުންފުނިން ވަނީ ތުހުމަތުކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައެވެ." ހޯކްސްގެ ބަޔާނުގައި ބުންޏެވެ.
ހޯކްސް އިން ބުނީ އެފަދަ ޣައިރު ގާނޫނީ އަމަލުކުތަކުގައި އެ ކުންފުނިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީ ކަމަށާއި ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ، ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ އެ އަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން އެތެރޭގެ ކޮންޓްރޯލު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހޯކްސް އިން ބުންޏެވެ.
ހޯކްސް ބޯޓްޔާޑަށް ވަދެ، ފުލުހުން ފުރަތަމަ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި ނަމަވެސް ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީ، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވެ، އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އަދި ބޯޓުޔާޑަށް ވަނުމުގެ ފުރުސަތުދީ، ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު