މިއަދު ނިމިގެންދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބަކީ އަމިއްލައަށް ތެދުވެ، ހިންދަމާލުމަށް ކުރާ މަސައްކަތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިންތިހާބެއް ނިމިގެންދާ އިރު، ކޮންމެވެސް ވަރަކަށް ޝަކުވާ އައުމަކީ ނުވެ ނުދާނެ ކަމެއް ކަމަށާއި ކޮންމެވެސް ކަހަލަ ހިތްހަމަނުޖެހުންތަކެއް ވެސް އުފެދިގެން ހިނގައިދާނެ ކަމަށެވެ. އަދި އެހެން އެ ވަނީ ވެސް އެ އިންތިހާބަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީ، ޕީއެންސީ އަމިއްލައަށް ތެދުވެ، ހިންދަމާލުމަށް މި ކުރާ މަސައްކަތުގައި މިއަދަކީ ވަރަށް މުހިންމު ފިޔަވަޅެއް އެޅި ދުވަހެއް. އެއީ އަޅުގަނޑު ކުރިން ވެސް އިޝާރާތްކުރި ފަދައިން ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން އަދި މިހާތަނަށް ނުބާއްވާ ވަރުގެ ވަރުގަދަ ބޮޑު އިންތިހާބެއް އަޅުގަނޑުމެން މިއަދު މި ބޭއްވީ ކާމިޔާބުކަމާއެކީގައި. މިވަރުގެ އިންތިހާބެއް ނިމިގެންދާ އިރު، ހިނގައިފާނެ ކަމަށް ލަފާކުރެވުނު ކަންތައްތަކެއް ނުހިނގައޭ އަޅުގަނޑު ދަންނަވާނީ އުފަލާއެކު،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ހިންގުމާ ހަވާލުވެވަޑައިގެން އެންމެ ބޮޑަށް ބާރު އެޅުއްވި އެއް ކަމަކީ ޕާޓީ އާއި މެންބަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށާއި އެގޮތަށް ވިސްނުންފުޅު ބައްޓަންކުރައްވާފައި ރައީސް ހިޔާލުފުޅުތަކެއް ދެއްވީމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރަށްރަށުގައި ސްޓިއަރިން ކޮމިޓީތައް އެކުލަވާލުން ކަމަށް ގަބޫލުކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ މަގާމުތަކަށް، އެއީ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާ އެކީގައި ޖުމުލަ 1984 މަގާމަކަށް ބޭފުޅުން މި އިންތިހާބުކުރެވިގެންދިޔައީ. އެހެންވީމާ މިވަގުތު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕީއެންސީގެ ސްޓިއަރިން ކޮމިޓީއެއް އޮންނާނެ، ކޮންމެ ދާއިރާއެއްގައި ރައީސަކާއި ނައިބު ރައީސެއް ހުންނާނެ އިންތިހާބުކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް ކަންތައްތައް ކުރާ ގޮތާއި، ސިޔާސީ ޕާޓީ ހިންގާ ގޮތާއި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރާ ގޮތް ވާދަވެރިންނަށް ޕީއެންސީން ދަސްކޮށްދޭނެ ކަމަށެވެ.