އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ހުންނަވައި، އެންގުމެއްނެތި ޕާޓީގެ ހަރަކާތްތައް ހިންގާތީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ޝާހިދު އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވަނީ، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ފައްޔާޒާއި އެމްޑީޕީގެ ބައެއް އިސްވެރިން މާރުކޭޓު ސަހަރައްދަށް ވަޑައިގެން ނެންގެވި ފޮޓޯއެއް، ޕާޓީގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ޕޯސްޓުކުރުުމުންނެވެ. ނަމަވެސް މިހާރު އެ ޕޯސްޓު ވަނީ އެކައުންޓުން ނަގައިފައެވެ.

އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި މިއަދު ޝާހިދު ވިދާޅުވީ "ޕާޓީގެ އިސް މީހުންގެ ތެރޭގައި ޕާޓީގެ ރައީސް ނުހިމެނޭތޯ، މިހާރު ޕާޓީގެ މި ހަރަކާތްތައް ޕާޓީގެ ރައީސަށް ނާންގައި ހިންގަނީ؟" ކަމަށެވެ.

އެކަމަށް ރައްދުދެއްވަމުން އެ ގްރޫޕުގައި ފައްޔާޒް ވިދާޅުވީ ޕާޓީގެ އެކްސް އެކައުންޓު އުވާލަންވީ ކަމަށާއި ކުޑަކުދިން މާ ގިނައީ ކަމަށެވެ.

އެއަށްފަހު ފައްޔާޒް ވަނީ ކުރިއަށްއޮތް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓެެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަަވާފައިވާކަން އިއުލާންކުރައްވައިފައެވެ.

"ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް. 2028 ގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ސަޕޯޓު ކޮށްދެއްވުން އެދެން،" ފައްޔާޒް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

ފައްޔާޒް އެގޮތަށް ނިންމަވާފައި މިވަނީ، ދާދި ފަހުން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށްފަހުއެވެ. ނަމަވެސް މި ހަފުތާގައި ފައްޔާޒް ދެއްވި އެ އިންޓަވިއުގައި އޭނާ ވިދާޅުވެފައިވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށެވެ.

ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ޝާހިދު ވެސް ޕްރައިމަރީގައި ވާދަކުރައްވަން މަސައްކަތްކުރައްވާ ކަމުގެ އަޑުތަކެއް އުޅެއެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް އެކަން އިއުލާންކުރެއްވި ހަމައެކަނި ބޭފުޅަކީ ފައްޔާޒެވެ.