ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ގަވާއިދުން މުރާޖައާ ކޮށްފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލް (އޭޖީ)ގެ އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ އަންގާރަ ދުވަހު ނެރުނު ޕީޖީ އޮފީހުގެ ޕާފޯމަންސް އޮޑިޓުގައި ބުނީ، ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތަށް 20 އޮކްޓޯބަރު 2019 ގައި އެޓާނީ ޖެނެރަލް އިސްލާހު ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ އަމުރު ކޮންމެ 30 ދުވަހަކުން މުރާޖައާކުރުމަށް ޕީޖީ އޮފީހަށް އެންގި ނަމަވެސް އެގޮތުގެ މަތިން ބަންދު މުރާޖައާ ކުރަމުން ގޮސްފައިނުވާ ކަމަށެވެ. އެގޮތުން އެ އިސްލާހަށްފަހުވެސް ބަންދު މުރާޖައާ ކުރުމަށް ވަރަށް ގިނަ ދުވަސް ނަގާކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ، ޑިސެމްބަރު 2021ގެ ނިޔަލަށް ޝަރީއަތް ނިމެންދެން 399 މީހަކު ބަންދުގައި ތިބި ކަމަށް ޕީޖީ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 55 މީހަކު ބަންދުގައި ތިބޭތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި އިރު، ބަންދުގައި ތިބޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވި އިރުވެސް ބަންދު މުރާޖައާކޮށްފައިވާކަން އެނގެން ނެތް ފަރާތްތައް ތިބި ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން ބުނީ، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ބަންދުގައި ތިބޭ މީހުން ބަންދުގައި ބަހައްޓަންޖެހޭކަން ގަވާއިދުން މުރާޖައާ ނުކުރާ ނަމަ އެފަދަ މީހުންގެ ކަންކަން ވަކިވަކިން ނުބެލި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެން ޖެހުމުން އެފަދަ މީހުންގެ އަސާސީ ހައްގެއް ހިފަހައްޓައި ބޭއްވުމަށް މެދުވެރިވާނެ ކަމަށެވެ. އެގޮތުން އެފަދަ މީހުންގެ ކުށް ސާބިތުނުވާ ހާލަތްތަކާއި ބަންދުގައި ތިބޭ މުއްދަތު އެ މީހުންނަށް ހުކުމްކުރާ ކުށުގެ އަދަބަށްވުރެ ދިގުވާ ހާލަތްތައްވެސް މެދުވެރިވެފައިވާ ކަމަށް ބުންޏެވެ.