ރާއްޖޭގެ ކްރިކެޓް ބޯޑު، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފިއެވެ.

ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ހާއްސަ އާއްމު ޖަލްސާއެއް ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި ގެނައި އިސްލާހުތައް ފާސްކޮށް، އިއްޔެ ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީ ކޮށްފައެވެ.

ކްރިކެޓް ބޯޑު، 2008 ވަނަ އަހަރު އެކުލަވާލައި، އޭރު އަމަލުކުރަމުން ގެންދިޔަ ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވަނީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ އިޖުރާތްތައް ފުރިހަމަ ކުރުމަށާއި، ބޯޑުގެ މެންބަރުން ހުށަހާޅާފައިވާ އިސްލާހުތަކެއް ހުރުމުގެ އިތުރުން ކްރިކެޓް ބޯޑު ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި މެންބަރުންގެ އަދަދު އިތުރުވުމާ ގުޅިގެން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެންނަން ކަމަށް މައުލޫމާތު ދީފައިވެއެވެ.

ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ ކޮމްޕޮސިޝަން ބަދަލުކުރުމާއި، ފުރިހަމަ މެންބަރުންނާއި އެސޯސިއޭޓް މެންބަރުން ކަނޑައަޅާގޮތް އިތުރަށް ތަފްސީލު ކުރުމާއި، ރައީސާއި ނާއިބު ރައީސްގެ ދައުރުގެ މުއްދަތު ކަނޑައެޅުމުގެ އިތުރުން، ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވުނީ ރައީސާއި ނައިބު ރައީސްގެ ދައުރަށް ގެނައި ބަދަލެވެ. މިހާރު ބަދަލު ގެނެވިފައިވާ ހިންގާ ގަވާއިދުގައިވާ ގޮތުން ރައީސަށާއި ނާއިބު ރައީސަށް ވިދިވިދިގެން ފުރިހަމަ ކުރެވޭނީ ހަތަރު އަހަރުގެ ދެ ދައުރެވެ. އޭގެފަހުން ކުރިން ހުރި ރައީސަކަށް ނޫނީ ނައިބު ރައީސަކަށް އެ މަގާމަށް އާދެވޭނީ ހަތަރު އަހަރުގެ ދައުރެއް ނިމުމަށްފަހުއެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ބޯޑުގެ މެންބަރުންގެ ދައުރު ފުޅާވެގެންދާނެ ކަމަށާއި، ކްލަބުތައް ބާރުވެރިކުރުވައި އެކްޓިވް ކުރުމަށްޓަކައި، އަހަރު ތެރޭ ކޮންމެ މެންބަރަކުވެސް ވަކި ވަރަކަށް މުބާރާތްތަކުގައި ބައިވެރިވުން ލާޒިމު ކުރެވިފައިވާނެ ކަމަށެވެ.

"ސީބީއެމްގެ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ބޯޑުގެ މެންބަރުންގެ ދައުރު ފުޅާވެގެންދާނެ. ފާއިތުވި އަހަރުތަކުގައި ބޯޑުގެ މެންބަރުންގެ އަދަދު ވަނީ އިތުރު ވެގެން ގޮސްފަ. މިހާރު ގެނެވުނު ބަދަލުގެ ސަބަބުން ފުރިހަމަ މެންބަރުންނަށް ސީބީއެމްގެ ހިންގާ ކޮމިޓީން އިތުރު ޖާގަ ލިބޭ. އަދި ކްލަބްތައް ބާރުވެރިކުރުވައި، އަދި އެކްޓިވް ކުރުމަށްޓަކައި، އަހަރު ތެރޭ ކޮންމެ މެންބަރަކުވެސް ވަކި ވަރަކަށް މުބާރާތްތަކުގައި ބައިވެރިވުން ލާޒިމު ކުރެވިފައިވޭ. އޭގެ އިތުރުން މެންބަރުންގެ ވޯޓިން ރައިޓްސް ދެމެހެއްޓުމަށްޓަކައި ވަކި ކަންކަން ފުރިހަމަ ކުރަންޖެހޭ ގޮތަށް ވަނީ ފާސް ކުރެވިފައި،" ރައީސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސާއި ނައިބު ރައީސްގެ ދައުރުގެ މުއްދަތު ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ފަރާތްތަކަށް ބޯޑު ހިންގުމުގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ބޮޑު ކުރުމަށް ކަމަށެވެ.