ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖު ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި ސީބީއެލް ސްޕޯޓްސްއިން ހޯދައިފިއެވެ.

އިއްޔެ ކުޅުނު ފައިނަލުގައި ސީބީއެލްއިން މާލެ ސްޕޯޓްސް ކްލަބް ބަލިކޮށްފައިވަނީ 56 ލަނޑުންނެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން، ސީބީއެލްއިން ނިންމީ ކުޅެން އަރާށެވެ. ސީބީއެލް އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 185 ލަނޑު ހެދިއެވެ. ސީބީއެލްއަށް އެންމެ ގިނައިން ލަނޑު ހެދީ 50 ބޯޅައިން 80 ލަނޑު ހެދި ތަރަކަ ރުވާން އެވެ. އޭގެ އިތުރުން އާދަމް ނާސިފް ވަނީ 17 ބޯޅައިން 27 ލަނޑު ހަދައިފައެވެ. އަދި ކެޕްޓަން އަޝާން ޔަޕަން ވަނީ 36 ބޯޅައިން 49 ލަނޑު ހަދައިފައެވެ.

ޖަވާބުގައި ކުޅެން އަރައި މާލެ ސްޕޯޓްސް ކްލަބަށް 20 އޯވަރުގެ ތެރޭގައި ހަތް ކުުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. މާލެ ސްޕޯޓްސް ކްލަބަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 23 ބޯޅައިން 34 ލަނޑު ހެދި އިސްމާއިލް އަލީއެވެ.

ޓީ20 ޕްރެޒިޑެންޓްސް ޗެލެންޖު ކަޕްގައި ކުޅެފައިވަނީ މޯލްޑިވްސް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެކެވެ. އެއީ، ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާލެ ސްޕޯޓްސް ކްލަބްގެ އިތުރުން ސީބީއެލް ސްޕޯޓްސް، އަނަކީ ސްޕޯޓްސް ކްލަބް އަދި ނިއު ސްޓާއެވެ.