ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނުއަސާސިއަށް ގެނައި ބަދަލުތަކާ މެދު 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމިއްޔާތަކަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް، އުތެމާ، އީކުއަލް ރައިޓްސް އިނިޝިއޭޓިވް (އީއާރްއައި) ޒީރޯ ވޭސްޓް މޯލްޑިވްސް، އެމްއެލްސީއޭ، ހޯމް ފޯ ވިމެން، ބިލީފް، ޕްރޮޖެކްޓް ތިމާވެށި އަދި އިކޯކެއާ މޯލްޑިވްސްއެވެ.
އެ ޖަމިއްޔާތަކުން މިއަދު ނެރުނު ޖޮއިންޓް ނޫސްބަޔާނެއްގައި ބުނީ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުތަކެއް ގެނެސްފައިވަނީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލައިގެން، ގާނޫނުތައް ހެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ބެލުމެއްނެތި، ޑިމޮކްރަސީގެ ހަމަތައް ހަނިކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.
މަޖިލީހުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކަކީ، ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާއާ ހިލާފުވު ބަދަލުތަކެއް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
"ގާނޫނު ހެދުމުގައި މި ފަދަ ހަމަތަކުގެ ބޭރުން ގާނޫނު ހެދުމުގެ ސަގާފަތެއް އުފެދިއްޖެނަމަ މިއީ ގާނޫނުތަކަށް އިސްލާހު ގެންނަ އަސްލު މަގުސަދު ދައުލަތުގެ ހާމަކަމާއި ޒިންމާދާރު ކަމާ މެދު ސުވާލު އުފެދޭ އަދި ކޮރަޕްޝަނަށް މަގުފަހި ކުރުމާއި ގާނޫނު އަސާސީގެ ރޫހާ ސީދާ ހިލާފަށް ބާރުތައް އެއްކުރުމަށް ކުރެވޭ މަސައްކަތްތަކެއް ގޮތުގައި ދެކެމެވެ،" ބަޔާނުގައިވެއެވެ.
ބަންޑާރަ ނައިބުގެ ޒިންމާތަކުގެ ތެރޭގައި ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއަރުވައި ދިފާއުކުރުން ހިމެނޭ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސިއަށް އިސްލާހުތައް ގެނައިރު، އެކަމުގައި ރައްޔިތުންގެ ހިޔާލު އަދި ބައިވެރިވުން ކަށަވަރުކުރުމަށް ބަންޑާރަ ނައިބު އެކަށީގެންވާ މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
"ގާނޫނު އަސާސީއަށް ގެނެވޭ ކޮންމެ އިސްލާހަކީ މުޅި ދައުލަތް ހިންގުމުގައި އަދި ރައްޔިތުންގެ އެތައް އަސާސީ ހައްގުތަކަށް އޭގެ ސަބަބުން އަސަރުކުރާނެ އިސްލާހުތަކަކަށް ވުމާއި ހިންގުމުގެ ނިޒާމު ކަނޑައަޅާ އަސާސްކަމަށް ވާއިރު، މި އިސްލާހުތައް ފުރިހަމައަށް މުރާޖައާކޮށް ބަހުސްކުރުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށާއި މަދަނީ ޖަމިއްޔާތަކަށް އަދި އާއްމު ރައްޔިތުންނަށް ވެސް ލިބި އަދި މާނަ ހުރި ބަހުސެއް ކުރުމުގެ އޮންނަން ޖެހޭނެ ކަމަށް މި ޖަމްއިއްޔާތަކުން ދެކެމެވެ." ބަޔާނުގައިވެއެވެ.
މަޖިލީހުން އިއްޔެ ފާސްކުރި އެ އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެ ބިލުގައި، ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލުމުގެ އިތުރުން، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު