ކުރިން އޮތް އެންޓި ޑިފެކްޝަން ގާނޫނަށް ގާނޫނުއަސާސީން ބާރު ދިނީމަ، ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުސަތު މިހާރު ނޯންނާނެ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި، އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހު ވެސް ހިމެނެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ދައުރު ނިމިނިމި އޮއްވައި އެމްޑީޕީން އެންޓި ޑިފެކްޝަން ގާނޫނު ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ނުލިބޭނެ ކަމަށް ހީކޮށްގެން ކަމަށާއި އެއީ ސަރުކާރުގައި އޮންނަ ޕާޓީއަކަށް މީހުން ހިނގައިދާނެތީ އެކަމަށް ގަތް ބިރެއްގެ ސަބަބުން އޭރު ހެދި ގާނޫނެއް ކަމަށެވެ.
"އެކަމަކު އެއާ ހިލާފަށް މިވީ ގޮތަކީ ރައްޔިތުން ބޭނުންވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ތަންފީޒުކުރެވޭނެ މަގެއް ހޯދައިދޭން. ބެލި އިރު، އެ މަގަކީ ގާނޫނު ހަދާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް މުއިއްޒުގެ ޕާޓީއަށް ދިނުން. އެހެންވީމާ އެގޮތަށް ދިނީމަ، ދެން މި މީހުންނަކަށް ނެތް ކުރެވޭނެ ކަމެއް. ދެން މި ގާނޫނު އޮއްވައި، އަމުދުން ގާނޫނުއަސާސީން ބާރު ދިނީމަ ދެނެއް ނެތް އެމީހުންނަކަށް ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުސަތެއް. އެހެންވީމާ އެއީ ދެކޮޅު ހައްދަވާ މައިގަނޑު ސަބަބަކީ، އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ތެރޭގައި މިހާރު މެންބަރުންނާ ދޭތެރޭގައި ދެކެވޭ ވާހަކަތައް ދެން އިތުރަށް ކުރިއަށްއޮތް ތަނުގައި ދައްކާނެ ފުރުސަތު ނުދޭން މެންބަރުން ބޭނުންވާ ކަމަށާއި ކޮށައިދިނީ މި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ސާބިތުކޮށްދޭނެ މަގެއް ކަމަށެވެ.
"ރައްޔިތުންގެ މަންދޫބުންގެ އިއްޒަތާއި ގަދަރު އިތުރަށް އުފުލިގެންދާނެ މަގެއް މި ފަހިކުރީ އަމިއްލައަށް. މިއީ އަސްލުގައި ކޮންމެކޮންމެ ބަޔަކު ކުރާ ކަމެއް ނޫން. އެކަމަކު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެމީހުންގެ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރޭ ބައެއްކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މި މަޖިލިސް ތަފާތު މަޖިލީހެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށާއި ފުރިހަމަކުރެވުނީ 18 ވަނަ އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރަން ނުކުރުނު ކަމެއް ކަމަށެވެ.
އިއްޔެ ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިގޮތަށް އިސްލާހުތަކަކާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުން ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނެވެ.
އިއްޔެއިން އިއްޔެއަށް ނިންމަން އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އަމިއްލަގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެ ބިލުގައި، ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލުމުގެ އިތުރުން، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަނީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއްގެނެވޭނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ، މަޖިލިސް މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް، އެ މާއްދާއަށް އިތުރުކުރާ އަކުރެއްގެ ގޮތުގައިވެއެވެ.
ނަމަވެސް އެ ދެ އަކުރަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އިސްލާހު ގެނަސްފައެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތާއީދުކޮށް ގެނައި އިސްލާހުގައި ވަނީ، އެކަންކަން ބަދަލުކުރެވޭނީ މަޖިލިސް މެންބަރުންގެ މަދުވެގެން ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ހިމަނައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށަ އެޅުން ހިމެނުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެނެއް ނުވާނެ ކަމަށް އޮތް މައްދާ ބަދަލުކޮށް، ޝާހިދު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަދީގެން ނުވާނެ ކަމަށެވެ.
އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަދީގެން ނުވާނެ ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެ އިސްލާހުތައް ތަސްދީގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު