ހަމަ އެކަނި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހަކަށް ވާތީ، އެ މީހާ ރާއްޖެ އައުން މަނާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލާބެހޭގޮތުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓް އޮންނަ މުސްލިމުންވެސް އަދި އަރަބިންވެސް އުޅޭ ކަމަށެވެ. އަދި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެމެރިކާ މީހުންނާއި ސައުތު އެމެރިކާގެ ގައުމުތަކަށް ނިސްބަތްވާ އެތައް ބަޔަކުވެސް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކަންތައްތަކުގައި އދ. އާއި އެހެނިގެން ގައުމުތަކުން ކަނޑައަޅާ އުސޫލުތަކެއް އޮންނަކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި ގަތުލު އާއްމުތައް ހިންގައި އެކަންތައްތަކަށް ވާގިދޭ ފަރާތްތައް ވަކިކޮށް އެފަދަ ފަރާތްތަކަށް ގައުމުތަކަށް ނޭރޭ ގޮތަށް އޮންނަ ކަމަށެވެ

"އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ މީހުންގެ ތެރެއިން އިޒްރޭލް ސަރުކާރަށް ނިސްބަތްވާ މިލިޓްރީއަށް ނިސްބަތްވާ ނޫނީ، މިލިޓްރީގެ އެސްޓެބްލިޝްމަންޓަށް ނިސްބަތްވާ މީހުންގެ ޕާސްޕޯޓްގައި އެތެރެ ނުވެވޭ ގޮތް ވެސް ހެދިދާނެ،"

ރާއްޖޭގައި އެކަން އެގޮތަށް ކުރެވިދާނެތޯ ތަންފީޒީ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބަލަން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.