މިއީ އެއް ދުވަސްތެރޭ ގާނޫނުއަސާސީ އިސްލާހުކުރި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވެފައި މިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި، ހަމަ އެ ދުވަހު މަޖިލީހުން ބިލު ފާސްކޮށްފައިވަނިކޮށެވެ. ގާނޫނުއަސާސީއަށް މިއަދު ގެނައި އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހު ވެސް ހިމެނެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަދި އާ ކަމެއް ކޮށްފައި ނުވާ ކަމަށާއި މީގެ ކުރީގެ މަޖިލިސްތަކުގައި ވެސް އެއް ދުވަހުން ގާނޫނުތަކާއި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

"ތިޔަބޭފުޅުން ހަނދުމަފުޅު ހުންނަވާނެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހާއްސަ އިގުތިސާދީ ސަރަހައްދުގެ ބިލު ފާސްކުރީ ވެސް އެ ދުވަހު ހުށަހަޅައިގެން، އެ ދުވަހު ބަހުސްކޮށްފައި އެ ރޭ. އެ ރެއާ އެއްކޮށް ގޮސް ނިންމާލީ. އަދި މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހަމަ މިގޮތަށް އެބަހުރި ގާނޫނުއަސާސީއަށް ބަދަލު ގެނެސްފައި. އެހެންވީމާ އާ ކަމެއް އަޅުގަނޑުމެން ނުކުރަން،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއް ދުވަސްތެރޭ ގާނޫނުއަސާސީ އިސްލާހުކުރުން ނުވަތަ ބިލެއް ފާސްކުރުމަކީ ގަވާއިދުގައި މަނާކަމެއް ނޫން ކަމަށާއި މަޖިލިސް ގަވާއިދުގައި އޮންނަނީ ފުރަތަމަ ކިޔުން އިއްވާފައި، ހަމަ އެ ދުވަހު ބަހުސްކުރެވޭ ގޮތަށް ކަމަށެވެ. އަދި މިއަދު ކޮމިޓީ މަރުހަލާއަށް ބިލު ގޮސްފައިވަނީ ވެސް މެންބަރަކު އެގޮތަށް ހުށަހަޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި މަޖިލީހުން އެގޮތަށް ފާސްވެގެން ކޮމިޓީއަށް ދިޔައީ. ކޮމިޓީއަށް ގޮސް، ބަހުސްކޮށްފައި ސަރުކާރުން ފޮނުވިގޮތުގެ އިތުރަށް ކޮމިޓީއަށް ފެންނަ އިސްލާހުތަކެއް މިއަށް ގެނެސްގެން ކޮމިޓީން ފާސްކުރީ. ފާސްކޮށްފައި ދެން މިއައީ ރިޕޯޓު. ރިޕޯޓު އައުމާއެކީގައި އިތުރު ޖަލްސާއެއް ބާއްވާފައި ފާސްކުރީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގައި އޮތް ހުރިހާ އިޖުރާއަތެއް ފުރިހަމަވެގެން ބިލު ފާސްވެގެންދިޔައީ. ދެން މި ޒަމާނަކު ނުޖެހޭ ދެއްތޯ 17 އަހަރުވަންދެން ގާނޫނުއަސާސީ އިސްލާހުކުރަން ތިބިގޮތަށް ގާނޫނުތައް އިސްލާހުކުރަން ތިބޭކަށް،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިހާރު މާ ބާރު ސްޕީޑުގައި ރައްޔިތުން ކަންކަމުގައި ކުރިއަށްދާން ބޭނުންވާ ކަމަށާއި ރައްޔިތުން ޕީއެންސީއަށް ސުޕަ މެޖޯރިޓީ ދިނީ އެ ބޭނުމުގައި ކަމަށެވެ.

މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރިގޮތަށް އިސްލާހުތަކަކާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުން ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނެވެ.

މިއަދުން މިއަދަށް ނިންމަން އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ޝާހިދު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގައި، ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލުމުގެ އިތުރުން، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަނީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއްގެނެވޭނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ، މަޖިލިސް މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް، އެ މާއްދާއަށް އިތުރުކުރާ އަކުރެއްގެ ގޮތުގައިވެއެވެ.

ނަމަވެސް މި ދެ އަކުރަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އިސްލާހު ގެނަސްފައެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތާއީދުކޮށް ގެނައި އިސްލާހުގައި ވަނީ، އެކަންކަން ބަދަލުކުރެވޭނީ މަޖިލިސް މެންބަރުންގެ މަދުވެގެން ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ހިމަނައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށަ އެޅުން ހިމެނުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެނެއް ނުވާނެ ކަމަށް އޮތް މައްދާ ބަދަލުކޮށް، ޝާހިދު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަދީގެން ނުވާނެ ކަމަށެވެ.

އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަދީގެން ނުވާނެ ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ އެ އިސްލާހުތައް ތަސްދީގުކުރައްވައިފައެވެ.