ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑްގެ ހއ. ދިއްދޫ އެޑިޝަން ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ދިރާގުން މިއަދު ބުނީ އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިންގެ ހުނަރު ދަސްކޮށްދޭ އެ ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ގާލްސް ޓު ކޯޑް ދިއްދޫ އެޑިޝަން ކުރިއަށް ގެންދިޔައީ 10 އަހަރާއި 13 އަހަރުގެ ދެމެދުގެ އަންހެން ކުދިންނަށެވެ. މިއީ ޓެކްނޮލޮޖީގެ ދާއިރާއިން ފުރުސަތު ހޯދުމަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށް ދިރާގުން ބުންޏެވެ. އަދި އެ ޕްރޮގްރާމްގައި އިސްކަންދީފައި ވަނީ ކުރިން ކޯޑިންގްގެ ތަޖުރިބާ ނެތް ކުދިންނަށް ކަމަށް ވެސް ބުންޏެވެ.
ދެމަސް ދުވަހަށް ކުރިއަށްގެންދިޔަ ގާލްސް ޓު ކޯޑް، ދިއްދޫ ޕްރޮގްރާމްގައި 20 ކުދިން ބައިވެރިވިއެވެ. އަދި އެ ޕްރޮގްރާމް ނިމުނު އިރު، ބައިވެރިންގެ އަމަލީ ހުނަރުތައް ތަރައްގީވެ، އަމިއްލައަށް ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދީފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.
"މި ޕްރޮގްރާމްގެ އެންމެ މުހިންމު މަގުސަދަކީ ކުދިންގެ ޅަ އުމުރުގައި މިދާއިރާއަށް ލޯހުޅުވި، ޝައުގުވެރިކަން އުފައްދާ، މިއީ ކުރެވިދާނެކަމެއްކަމަށް އަމިއްލައަށް ގަބޫލުކުރެވި އަދި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުވެގެން ދިޔުން،" ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.
ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް ނަހުޒާ އިބްރާހިމް ވިދާޅުވީ ޒުވާން އަންހެން ކުދިން ޖޯޝާ އެކީ ކޯޑިންއަށް ޝައުގުވެރިކަން ފާޅުކުރާކަމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކުދިން ދައްކުވަމުން އެދަނީ ރަނގަޅު ފުރުސަތުތަކާއި އެއްބާރުލުމާ އެކު، އެކުދިންނަށް ކޮންމެ ކަމެއް ވެސް ހާސިލްކުރެވިދާނެ ކަމުގެ ހެކި ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މި ޕްރޮގްރާމްގެ ސަބަބުން އެކުދިންނަށް ފަންނީ ހުނަރުތައް ލިބިގެން ދިއުމާ އެކު، އުއްމީދީ މުސްތަގުބަލެއް ބިނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް،" ނަހުޒާ ވިދާޅުވިއެވެ.
ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް އެކުންފުނިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. އަދި މިޕްރޮގްރާމް ވަނީ ދިއްދޫގެ އިތުރުން ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ލާމު އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު