ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި ނަމަވެސް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެހެން ވިދާޅުވީ، 2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުވެރިވެވަޑައިގެންނަވާ ފަސް ވަރަކަށް ބޭފުޅުން އެބަ ތިއްބެވި އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.
މިއީ ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ފައްޔާޒް ވިދާޅުވި ފުރަތަމަ ފަހަރެވެ.
'އަދަދު' ނޫހުގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ގާބިލު ބޭފުޅުން ތިއްބެވި ޕާޓީއެއް ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ވެރިކަން ކުރެއްވޭނެ ބޭފުޅުންވެސް އެބަ ތިއްބެވި ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ 2028 އަށްދާއިރުގައި ފުދޭވަރަކަށް ރަނގަޅު ޗޮއިސްތަކެއް ލިބޭނެހެން... ވަރަށް ގިނަ ބޭފުޅުން ވިދާޅުވާނެ ތިމަންނާ އެކަހަލަ (ވެރިކަމަށް ކުރިމަތިލުމުގެ) އިންޓްރެސްޓެއް ނެތޭ. އަޅުގަނޑުގެ އިންޓްރެސްޓް އެބަހުރި. އެކަމަކު އޭގެ މާނައަކީ 2028 ގައި އެކަން ކުރަން އަޅުގަނޑު ނިންމައިގެން ހުރި ވާހަކައެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިވަގުތު މަސައްކަތް ކުރަމުންދަނީ 2028 އާ ހަމައަށް ނުވަތަ އެއަށްވުރެވެސް ކުރިން މިހާރު އޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަލިކޮށް، 2028 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ޕްރައިމަރީތައް ބާއްވައިގެން ޕާޓީގެ މެންބަރުންގެ ބަހެއް އޮވެގެން ކަންކަންވުމަކީ އެމްޑީޕީގެ ވަރަށް މުހިންމު ސިފައެއް ކަމަށެވެ. އަދި ވަކި މީހެއްގެ އެއްޗެއްގެ ގޮތަށް އެމްޑީޕީގެ އޮތް އޮތުން މިހާރު ބަދަލުވަމުން އަންނައިރު، ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއްގެ ސަބަބުން ޕާޓީގެ މެންބަރުންތަކެއް ވަކިވެގެންދާނެ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރަސީގެ މަގުގައި އެމްޑީޕީ ވެސް ދިވެހިރާއްޖެ ވެސް ކުރިއަށްދާ ކަމަށްވާ ނަމަ، ވަކި މީހަކަށް ބަރޯސާވެގެން އޮންނަ އޮތުމަށްވުރެ ސިޔާސަތުތަކަކަށް ބަރޯސާވާން މި ޖެހެނީ. އެހެންވީމަ އެގޮތަށް ޕާޓީ ބަދަލުވާތަން ފެންނަމުން މި ދަނީ،" ފައްޔާޒް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު