ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޔޫތު ލީގު ބުރާސްފަތި ދުވަހު ފެށުމަށް ތާވަލުކޮށް، ރޭ ގުރު ނަގައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން އިންތިޒާމުކުރާ ޔޫތު ލީގުގައި އަށް ޓީމަކުން ވާދަކުރެއެވެ.

ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ލީގުގައި ބައިވެރިވެފައިވާ ކްލަބުތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބު އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބު (ހުރާ) އެވެ.

ޔޫތު ލީގުގައި ތިން އުމުރުފުރާއެއް ހިމެނޭނެއެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާއެވެ. ލީގު ސިސްޓަމަށް ކުޅޭ ތިން އުމުރުފުރާގެ މުބާރާތްވެސް ހަފުތާ ބަންދާއި ހަފުތާ ތެރޭގެ ދުވަސްތަކުގައިވެސް ކުރިއަށްދާނެއެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މުބާރާތް ކުރިއަށްދާނީ ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިވަގުތު ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ އިތުރުން ސީނިއާ ފުޓުބޯޅައިގެ އެހެން ހަރަކާތްތައްވެސް ހުއްޓިފައި އޮތް އިރު، ޔޫތު ލީގު ވެގެންދާނީ ގްރާސް ރޫޓް ރަނގަޅުކޮށް، ރަނގަޅު ބިންގަލެއް އަޅައިދޭނެ މުބާރާތަކަށެވެ. ހާއްސަކޮށް މި ދަނޑިވަޅުގައި ޒުވާން އުމުރުފުރާގެ ކުޅުންތެރިންނަށް ވާދަވެރި ގިނަ މެޗުތަކެއް ޔޫތު ލީގުން ލިބިގެންދާނެއެވެ.

ރޭ ބޭއްވި ޔޫތު ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖޭ ފުޓުބޯޅައިގެ ލެޖެންޑުން ފެނިގެން ގޮސްފައިވެއެވެ. ގައުމީ ޓީމާއެކު ސާފްގެ ރަން މެޑަލް ފުރަތަމަ ހޯދި އައްސަދު އަބްދުލްޣަނީއާއި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަދި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދުވެސް އިވެންޓުގައި ފެނިގެން ދިޔައެވެ.