އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެއިލްއަށް ނުވަތަ މަޖިލިސް އިދާރާއަށް ފޮނުވުމަށް އެދޭ ކަމަށެވެ.
އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އެކަމުގެ ކަންބޮޑުވުންތައް ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީ އަދި އާންމުންވެސް ވެސް ފާޅުކުރަމުން ދަނިކޮށް 241 ކޮމިޓީން ވަނީ ފަސް މަސް ފަހުން އެ ބިލުގެ މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު އަލުން ފަށައިފައެވެ. އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ އެ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިންމަން ފާސްކޮށްފައެވެ.
މީކާއީލް އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.
އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވެސް ވަނީ ނިންމައިފައެވެ.
މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައިވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވެފައިވަނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތުމުން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރައީސް ބޭނުންފުޅުވަނީވެސް ވީހާވެސް އަވަހަކަށް އެ މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ.
- ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
- ހާރިޖީ ވަޒީރު މޫސާ ޒަމީރު
- އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
- އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު