މާލޭގެ ގެއަކުން އައިފޯން 13 ޕްރޯ މެކްސް ދެ ފޯނު، އައިފޯން 8 ޕްލަސް އެއް ފޯނު، ރޮލެކްސް ގަޑިއެއް އަދި ޕާޕްލް ކްރިސްޓަލް ޖެހި ޓައިޓޭނިއަމް އަނގޮޓިއެއް ވަގަށް ނެގި މީހަކު ނުވަ މަހާއި ތިން ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށްލައިފައިވަނީ ގދ. ތިނަދޫ، ލަކީސްޓާ، އިސްހާގު ހަސަން އެވެ. ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ އެހެން މީހެއްގެެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުންކުރި އެ ދައުވާއަށް އިއުތިރާފުވެ އިސްހާގު ހަސަން ބުނެފައިވަނީ 21 ނޮވެމްބަރު 2023 ވަނަ ދުވަހުގެ 5:30 އާއި 10:30 އާ ދެމެދު މ. ތްރީއޭވިލާ ގޭގެ ހަތްވަން ފްލޯއިން އޭނާ ވަނީ ދައުވާގައި ބަޔާންކޮށްފައިވާ ތަކެތި ވަގަށް ނަގައިފައި ކަމަށެވެ.

ދައުވާއަށް އޭނާ އިއުތިރާފުވެފައި ވާތީ އަދަބާ ބެހޭގޮތުން ވާހަކަދައްކަވަމުން ދައުލަތުން ބުނީ އިސްހާގު ހަސަންގެ މައްޗަށްކުރާ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. ދައުވާއަށް އިއުތިރާފުވެފައިވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްވާނެ ކަމަށާއި ނަމަވެސް ގާނޫނުލްއުގޫބާތުގެ ދަށުން މި މައްސަލައިގައި އަދަބުގެ މިންވަރު އެއް ދަރަޖަ މަތިވާނެތީ، ކުށުގެ އަސާސީ އަދަބު ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި އިސްހާގު ހަސަން މި މައްސަލައާ ގުޅިގެން ބަންދުގައި 10 މަހާއި ތިން ދުވަސް ހޭދަކޮށްފައިވާތީ އެބައި އަދަބުން އުނިކުރުމަށް އެދިފައިވެއެވެ.

ދައުލަތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް މި މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ ދައުލަތުން އިސްހާގު ހަސަންގެ މައްޗަށްކުރި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި އޭނާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށާއި މައްސަލައިގެ ތަހުގީގަށް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒު ކުރަންޖެހޭނެ ޖަލު ހުކުމަކީ ނުވަ މަހާއި ތިން ދުވަސް ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް ޒިހުނީއެވެ.