ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ބޭންކުން 1000 ޑޮލަރު ގަނެވޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމުން ދިވެހީންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު 500 ޑޮލަރު ގަންނަން މި ލިބެނީ ބޭންކް ރޭޓުގައި. އަޅުގަނޑުމެން ބޭނުންވަނީ މި ޑޮލަރު މާރުކުރުމުގެ ކަންތައް ޓޫރިޒަމް އިންޑަސްޓްރީގެ އެހީތެރިކަމާއެކު، އެއްބާރުލުމާ އެކީގައި ކުރިއަށްދާ ކަމަށްވަންޏާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނުވަތަ 2026 ގެ ފުރަތަމަ ކުއާޓަރުގެ ތެރެއަށް ދާ އިިރުގައި، އަޅުގަނޑުމެންނަށް އެބަ ފުރުސަތު ލިބޭ މި 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ބޭރަށް ފުރާ އިރުގައި ގަތުމުގެ ފުރުސަތު ދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 1000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބެންޏާ، ބޭރަށް ދާ ދިވެހިންގެ ބޭނުންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އެހެންކަމުން 2026 ގެ ފުރަތަމަ ތިން މަސް ތެރޭގައި ބޭންކް ރޭޓުގައި 1000 ޑޮލަރު ގަންނަން ލިބޭ ގޮތް ހަދައިދެވޭނެ ކަމަށެވެ. އަދި ކްރެޓިޑް ކާޑުގެ ލިމިޓު ވެސް ބޮޑުކޮށްދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ޖެނުއަރީން ފެށިގެން މިކަން ކުރަން ފެށިއްޖެއްޔާ. ކްރެޑިޓް ކާޑުގެ ލިމިޓު މިހާރު 700 ޑޮލަރު. އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ ޖެނުއަރީން ފެށިގެން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭ ހިސާބަށް ދާ އިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1400 ޑޮލަރާ ހަމައަށް ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީން އެ ގަވާއިދާ އެއްގޮތަށް ބޭންކުތަކަށް މާރުކުރާ ކަމުގައިވާ ނަމަ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓުގައި މާރުކުރަން ނުޖެހި، ސީދާ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.