އަންނަ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމުން ދިވެހީންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ޖެހެނީ ނުގަވާއިދުން އެކަން ކުރަން ޑޮލަރު މާރުކުރަން ކަމަށާއި ޕެރަލަލް މާކެޓުގައި، ނޫނީ ބްލެކް މާކެޓުން އަގުބޮޑުކޮށް ޑޮލަރު ހޯދަން ޖެހުނީމަ ރޭޓް މައްޗަށް ދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އެސްއޯއީތަކުން، ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ ޖެނުއަރީ އެކަކުން ފެށިގެން މި ތަންފީޒުކުރަން ފަށާ ހިސާބުން، ޓޫރިޒަމް އިންޑަސްޓްރީން އެ ގަވާއިދާ އެއްގޮތަށް ބޭންކުތަކަށް މާރުކުރާ ކަމުގައިވާ ނަމަ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެން ޕެރަލަލް މާކެޓުގައި މާރުކުރަން ނުޖެހި ސީދާ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ބޭންކް ރޭޓުގައި ގަންނަން ލިބެނީ 500 ޑޮލަރު ކަމަށާއި ޑޮލަރު މާރުކުރުމުގެ ކަންތައް ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށްދާ ކަމަށްވަންޏާ 2026 ގެ ފުރަތަމަ ކުއާޓަރުގެ ތެރެއަށް ދާ އިިރުގައި، 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ގަތުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
"ދެން މިކަމަށް ހުރަސް އަޅަންވީ ކީއްކުރަންތޯ. 1000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބެންޏާ، އަޅުގަނޑު ހިތުން އާންމުކޮށް ބޭރަށް ދާ ދިވެހިން، ކުރައްވަން މި ވަޑައިގަންނަވާ ކަންކަމުގައި ވަރަށް ބޮޑު ލިޔެއް އެ ލިބެނީ. 500 ޑޮލަރުގެ ބަދަލުގައި ޑަބަލް ކޮށްލެވުނީމަ. އެހެންވީމާ 2026 ގެ ފުރަތަމަ ތިން މަސް ތެރޭގައި އަޅުގަނޑުމެންނަށް 1000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބޭ ގޮތް ހަދައިދެވޭނެއޭ، މި ޖެނުއަރީން ފެށިގެން މިކަން ކުރަން ފެށިއްޖެއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަން ތަންފީޒުކުރެވޭ ނަމަ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކްރެޑިޓް ކާޑުގެ ލިމިޓު ވެސް 700 ޑޮލަރުން 1400 ޑޮލަރާ ހަމައަށް ބޮޑުކޮށްދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު