މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ބަނގުރޫޓުނުވެ، ގައުމު ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ގައުމު އޮތީ 120 ބިލިއަން ރުފިޔާއަށްވުރެ ގިނަ ދަރަނި އޮތް ހާލަތެއްގައި ކަމަށާއި ހަލާކުކޮށްލާފައި، ބަނގުރޫޓުކޮށްލާ ދިމާލަށް ގެންގޮސްފައި އޮތް އިގުތިސާދަކުން އަރައިގަތުމަށް ދިވެހީންގެ ރާއްޖެއަށް ރައްޔިތުން ދާން ނިންމި ކަމަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް ދާއިރުގައި، ބަންގުރޫޓުވާނެ، ސޮވްރިން ޑިފޯލްޓް އިއުލާންކުރަން ޖެހިދާނެ ކަމަށް އޭރު މާލީ އިދާރާތަކުން އަންދާޒާކުރަމުން އައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ބަނގުރޫޓުނުވެ، އޭރުގައި އޮތް ސަރުކާރުން އަޅުގަނޑުމެންގެ ގައުމުގެ އިގުތިސާދު ހަލާކުކޮށްލައި، އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނިންމުން ނޫނީ ކޮށްފައި އޮތް ކަންތަކުން އަރައިގަނެ. އެހެންވީމާ މި ސަރުކާރުގެ މި 52 ހަފުތާގައި އަޅުގަނޑުމެން އެންމެން ގުޅިގެން ރައްޔިތުންނާއެކު މި ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މި ހާލަތުން އަރައިގަތުން، ފައިސާ ޗާޕުނުކޮށް. އެހެންވީމާ މިއީ ނަމްބަރުން ފެންނަން ހުރި ހަގީގަތް. އެއީ ހަގީގަތުގައި އެންމެ ބޮޑު ކާމިޔާބީއަކީ އަޅުގަނޑުމެންނަށް ކުރެވިފައި އޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު ގައުމު އޮތީ 120 ބިލިއަން ރުފިޔާއަށްވުރެ ގިނަ ދަރަނި އޮތް ހާލަތެއްގައި ކަމަށާއި ހަލާކުކޮށްލާފައި، ބަނގުރޫޓުކޮށްލާ ދިމާލަށް ގެންގޮސްފައި އޮތް އިގުތިސާދަކުން އަރައިގަތުމަށް ދިވެހީންގެ ރާއްޖެއަށް ރައްޔިތުން ދާން ނިންމި ކަމަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހާ ހަމައަށް ދާއިރުގައި، ބަންގުރޫޓުވާނެ، ސޮވްރިން ޑިފޯލްޓް އިއުލާންކުރަން ޖެހިދާނެ ކަމަށް އޭރު މާލީ އިދާރާތަކުން އަންދާޒާކުރަމުން އައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ހާލަތުގައި އޮތް ގައުމަކާ އަޅުގަނޑުމެން ހަވާލުވީ. އެހެން އެމީހުން ބުނަމުންދިޔަ ބައިވަރު ސަބަބުތަކެއް ހުރި. އެއީ ފަސް އަހަރުގެ ތެރޭގައި 22.7 ބިލިއަން ރުފިޔާ ހަރަދުކޮށް، އޭގެ އިތުރަށް 50.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި. 8 ބިލިއަން ޗާޕުކޮށް އަދި އޭގެ އިތުރަށް ދަރަނީގެ އިންޓަރެސްޓް އަހަރަކު 1.4 ބިލިއަން ރުފިޔާ އަރުވަމުންދިޔައީ. އެހެންވީމާ މިއީ އަޅުގަނޑުމެންނާ ހަމައަށް އައި ހާލަތަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އޭރު އޮތީ ދައުލަތަށް ލިބޭ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ލޯނު އަނބުރާ ދައްކަން ހޭދަކުރަން ޖެހޭ ހާލަތުގައި ކަމަށާއި އޭގެ ތެރެއިން ވެސް 16 ރުފިޔާ ހަރަދުކުރަން ޖެހެނީ ދަރަނީގެ އިންޓަރެސްޓް ދައްކަން ކަމަށެވެ.