ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝައުވެރިވެވަޑައިގެންނަވާ ފަސް ވަރަކަށް ބޭފުޅުން އެބަތިއްބެވި ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނެ ކަަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާއިރު، ވިސްނުންފުޅަކީ ކޮބައިތޯ އާއި، ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވާދަަކުރައްވާނަންތޯ، ސުވާލު ދެންނެވުމުން، އެކަމަށް ސާފު ޖަވާބެއް ނުދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ޕާޓީ ތެރެއިން ވެރިކަމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ހަތަރު ފަސް ބޭފުޅަކު މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

"ވަރަށް ރަނަގަޅުކަމެއް އެއީ، ވާދަވެރި އިންޓާނަލް މަސައްކަތްތައް ކުރުން ކުރިއަށް ގެންދިއުން، އެކަމަކު އަޅުގަނޑު އެ ހުރިހާ ބޭފުޅުންގެ ކިބައިންވެސް އެދޭ ކަމަކީ ޕާޓީ ހިންގުމުގައި ހުރިހާ ބޭފުޅުންވެސް ޝާމިލުވެވަޑައިގަތުމަށް، އަމިއްލަ އިންޓްރެސްޓް އޮންނާނެ، އެކަމަކު އެއާ އެކީގައި ޕާޓީއާއިގެން ކުރިއަށް ވަޑައިގެންނަވާށޭ،" ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކަށް ނަސޭހަތް ދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމާބެހޭގޮތުން އެ މަނިކުފާނުގެ ވިސްނުންފުޅު، ޕަބްލިކަށް ހާމަކުރައްވާނެ ކަމަށާއި، ނަމަވެސް އެކަމާބެހޭގޮތުން އެ މަނިކުފާނުގެ ވިސްނުންފުޅު، އޮތްގޮތް އެމްޑީޕީގެ ލީޑާޝިޕާއި އާއިލާގެ ބައެއް ފަރާތްތަކަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކި ގޮތްގޮތުން ތަކުރާރުކޮށް އެ ސުވާލު ދެންނެވުމުންވެސް އެ މަނިކުފާނު ސާފު ބަހުން ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ އެކަމާބެހޭގޮތުން އެ މަނިކުފާނު ނިންމަވާފައިވާ ނިންމެވުން މިއަދު ހާމަކުރައްވައިފި ނަމަ ޕާޓީއަށް ލިބޭނެ ފައިދާށްވުރެ ވާ ގެއްލުން ބޮޑުވެދާނެ ކަމަށެވެ.