ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެއްވުމާބެހޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީދާ ޖަވާބެއް ނުދެއްވިއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއުއެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ރައީސް ސޯލިހާ ޕްރެސެންޓަރު ސުވާލު ކުރެއްވިއެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ރައީސް ސޯލިހު ވިދާޅުވީ އިންތިހާބާ މެދު ނިންމަވާފައިވާ ގޮތް އެމްޑީޕީގެ ލީޑާޝިޕާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގޮތެއްކަން ހާމަ ކުރެއްވުމަށް ރައީސް ސޯލިހް މިއަދު ވަނީ ދެކޮޅު ހައްދަވައިފައެވެ.

"ތިކަމުގައި އަޅުގަނޑުގެ ސިޔާސީ ހަޔާތާ ބެހޭ ގޮތުން، ކުރިމަގާ ބެހޭ ގޮތުން ޕާޓީގެ އިސްވެރީންނާ އަޅުގަނޑު ވާނީ އެ ވާހަކަ ދައްކާފައި. އެކަން އަޅުގަނޑު ކުރިއަށް ގެންދާނެ ގޮތް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއްވެސް ޝައްކެއް ނެތް މިންވަރަށް،"

ނަމަވެސް ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުވެރިވެވަޑައިގަންނަވާ ފަސް ވަރަކަށް ބޭފުޅުން އެބަ ތިއްބެވިއެވެ. އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތަކީ ވެސް ޕާޓީ ތެރޭގައި ވާދަވެރި ސިޔާސީ މަސައްކަތް ކުރުން ކަމަށް ވިދާޅުވެ، އެ ފަސް ބޭފުޅުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

"އަޅުގަނޑު އެ ހުރިހާ ބޭފުޅުންގެ ކިބައިން ވެސް އެންމެ އެދޭ ކަމަކީ ޕާޓީ ހިންގުމުގައި ހުރިހާ ބޭފުޅުން ޝާމިލުވެވަޑައިގަންނަވަން، އަމިއްލަ އިންޓްރެސްޓް އޮންނާނެ، އެކަމަކު އެއާއެކު، ޕާޓީއާއިގެން ކުރިއަށް ވަޑައިގަންނަވާށޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.