ޓްރަމްޕުގެ ވެރިކަމުގައި ހަނގުރާމައަށް ނިމުން އަންނާނެ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑީމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަަލްޑް ޓްރަމްޕް އާއި ޔޫކްރޭނުގެ ރައީސް ވޮލޮޑީމިރް ޒެލެންސްކީ ފޯނުމެދުވެރިކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ޒެލެންކްސީ ވަނީ ވިދާޅުވެފައެވެ.

ޒެލެންސްކީ ވަނީ ރަޝިޔާ އާއި ޔޫކްރޭން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕްގެ ރައީސްކަމުގައި އަލިމަގެއް ފެންނާނެ ކަން ޔަގީންވާކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ ރިޔާސީ ކެމްޕެއިންގައި ގިނަ ފަހަރެއްގެ މަތީން ރަޝިޔާ ޔޫކްރޭނު ހަނގުރާމައަށް ނިމުން ގެންނާނީ އެ މަނިކުފާނު ކަމަށާއި އެކަން ފެނިގެން ދާނީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް މަގުފަހިވާނީ ކޮން ގޮތަކުން ކަމެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ. ނުވަތަ އެކަން ކުރައްވާނެ ގޮތެއްވެސް ވިދާޅެއް ނުވެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ އެންމެ އަރިސް، އެއް ގައުމު ކަމުގައި ވެފައިވަނީ ޔޫކްރޭނެވެ. އެކަމުގެ ސަބަބުން ރަޝިޔާ އަދި ޔޫކްރޭން ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއިން ވަނީ ޔޫކްރޭނަށް އެކި ގޮތްގޮތުން އެހީތެރިވެދީފައެވެ.

2022 ވަނަ އަހަރުގެ ފެބުރުއަރީ އިން 2024 ވަނަ އަހަރުގެ ޖޫން މަހާ ދެމެދު ޔޫކްރޭނަށް އެންމެ ގިނައިން ހަނގުރާމައިގެ އެހީ ދީފައިވަނީ ވެސް އެމެރިކާއިންނެވެ. އެމެރިކާއިން އެދުވަސްވަރު 55.5 ބިލިއަން ޑޮލަރުގެ މިލިޓަރީ އެހީ ޔޫކްރޭނަށް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.