ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެ ތަން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވަނީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރަޖިސްޓްރޭޝަނާއި އޮޕަރޭޓިން ލައިސެންސް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމްއާ ހަވާލުކުރައްވައިފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި އަލަށް ތައާރަފުކުރި ހިދުމަތްތަކަކީ ދިހަ އެނދުގެ އައިސީޔޫއަކާއި ނިއޯނޭޓަލް ވެންޓިލޭޓަރުތަކާއި އިންކިއުބޭޓަރުތަކާއި ފޮޓޯތެރަޕީ ހިމެނޭ ގޮތަށް ހުޅުވި 14 އެނދުގެ އެންއައިސީޔޫގެ އިތުރުން ސެންޓްރަލް ސްޓްރެއިލް ސާވިސް ޑިޕާޓްމަންޓް އަދި ހަތަރު އޮޕަރޭޝަން ތިއޭޓަރެވެ.
އެންމެ ފަހުގެ ވަސީލަތްތަކާއެކު ހުޅުވި އެ ތިއޭޓަރުތަކުގެ ތެރޭގައި ހިމެނެނީ ކަށީގެ އޮޕަރޭޝަން ތިއޭޓަރަކާއި ލޮލުގެ އޮޕަރޭޝަން ތިއޭޓަރަކާއި އަންހެނުންގެ ހާއްސަ އަދި ޖެނެރަލް އޮޕަރޭޝަން ތިއޭޓަރެކެވެ.
އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ ހިދުމަތްތައް ކުރިއަރުވައި އާ ހިދުމަތްތަކެއް ތައާރަފުކޮށް ސިއްހީ ދާއިރާ ހަރުދަނާކޮށް، ފާއިތުވި އަހަރު މާބޮޑު އިސްކަމެއް ނުދީ ހީނަރުވެފައި އޮތް ސިއްހީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަދަލެއް ގެންނެވުން ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ އެންމެންނަށް ހިދުމަތް ދޭން ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލަށްވާއިރު، އެތަން ތަރައްގީކުރައްވަން ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ އޮޕަރޭޝަނަލް ބަޖެޓާއި ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިންވެސް ރައީސް ހަމަޖައްސަވައިދެއްވި ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު ވަނީ އަލަށް ހިދުމަތް ފެށި ޑިޕާޓްމަންޓްތަކަށް ވަޑައިގެން އެ ތަންތަން ބައްލަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު