އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ ފަން ރަންއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ ހަމަވާނެއެވެ.
އަންނަ ޑިސެމްބަރު 20 ގައި ބޭއްވުމަށް ނިންމާފައިވާ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދާ ހަމައަށް ހުޅުވާލާފައިވާއިރު، https://go.ooredoo.mv/fun-run-2024/ މެދުވެރިކޮށް ފަން ރަންގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އެ ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
ފަން ރަންގެ ކިޓްތައް ލިބެން ހުންނަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސްއެވެ. ސްޓޭންޑަޑް ކިޓްގައި ހިމެނޭނީ ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑެކެވެ. އަގަކީ 100 ރުފިޔާއެވެ. 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި ހިމެނޭނީ އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާއެކެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ މަގުސަދުގައި ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އެގޮތުން އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު