ރިވައިވަލް ސްޕޯޓްސްއިން ވާދަކުރަމުންދާ ޒަމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ޑަބަލްސް ކުއާޓާ ފައިނަލަށް ރާއްޖޭގެ ނިބާލް އަހުމަދާއި ޒަޔާން ޒަކީގެ ޕެއާ އަދި ފާތިމަތު ނަބާހާއާއި އައިމިނަތު ނަބީހާގެ ޕެއާއިން ދަތުރު ކޮށްފިއެވެ.

ރާއްޖޭގެ ޕެއާތައް ވާދަކުރާ ކުއާޓާ މެޗުތައް މާދަމާ އޮންނަ އިރު، ޖުމުލަ ހަ ކުއާޓާ ފައިނަލް މެޗެއް ރިވައިވަލްގެ ކުޅުންތެރިން ކުޅޭނެއެވެ. އެއީ ޑަބަލްސް ކުއާޓާ ދެމެޗާއި މިކްސް ޑަބަލް ކުއާޓާގެ ދެމެޗުގެ އިތުރުން ސިންގަލްސް ކުއާޓާ ދެމެޗެވެ.

ފިރިހެން ޑަބަލްސް ކުއާޓާއަށް ނިބާލާއި ޒަޔާންގެ ޕެއާ ދަތުރުކުރީ ޒެމްބިއާގެ ޕެއާއެއް ކަމަށްވާ މަބޫ ޑޮނާލްޑާއި ވޭރަޕާންޑީ ޖެޔެރާމަން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ނިބާލާއި ޒަޔާން ގެންދިޔައީ 21-7 އަދި 21-13 އިންނެވެ.

ނަބާހާއާއި ނަބީހާ ކުއާޓާއަށް ދިޔައީވެސް ގަދަ 16 ގައި ޒެމްބިއާގެ ކުޅުންތެރިން ބަލިކޮށްފައެވެ. އެގޮތުން ނަބާހާ ވަނީ ބޫޕޭ މާބޯ ކައިރިން 21-4، 21-3 އިން ސެޓުތައް ގެންގޮސްފައެވެ. ނަބީހާ ކުއާޓާއަށް ދިޔައީ އަންޖުމަން ބާދްވާޖު ކައިރިން 21-8 އަދި 21-18 އިން ސެޓުތައް ގެންގޮސްގެންނެވެ.

ޒަމްބިއާ މުބާރާތަކީ އިންޓަނޭޝަނަލް ސާކެޓްގައި ހިމެނޭ މުބާރާތަކަށް ވާއިރު، ރާއްޖޭގެ ކުޅުންތެރިން ސީޑް ކޮށްފައި ވަނީ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައެވެ. އެހެންކަމުން އަންހަން ޑަބަލްސް ޓީމުން ފަށާނީ ކުއާޓާގައި ބޫޕޭއާއި ޓުކުޒާ އެމްބޭވޭއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

އަދި މިކްސް ޑަބަލްސް ޕެއާތައްވެސް ކުއާޓާ މެޗުތަކުން ފަށާ އިރު، ނިބާލާއި ނަބީހާގެ ޕެއާއިން ކުޅޭނީ އަޒަރުބައިޖާންގެ ޖާހިދް އަލްހަސަނޯވާއި ހަޖަރު ނޫރިޔޭވާއާ ދެކޮޅަށެވެ. އަދި ޒަޔާނާއި ނަބާހާގެ ޕެއާއިން ނުކުންނާނީ ޒަމްބިއާގެ އަލިންތޫލާ ހަބޯވާއާއި އަންޖުމަން ބާދްވާޖާ ދެކޮޅަށެވެ.