ފަލަސްތީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައީސް، ޑރ. މަހުމޫދު އައްބާސްއަށާއި އެ ގައުމުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު މުހައްމަދު މުސްތަފާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

މަހުމޫދު އައްބާސްއަށާއި މުހައްމަދު މުސްތަފާއަށް ވަކިވަކިން ފޮނުއްވި އެ މެސެޖުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަ ކަމަށް ނުހަނު ތައުރީފު ކުރައްވައިފައެވެ.

ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މެސެޖުގައި ރައީސް އިތުރަށް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެ ކަމަށެވެ.

މެސެޖު ނިންމަވައިލައްވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައީސް އަދި ބޮޑުވަޒީރުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަ އާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.