ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަރާލުމުގެ ގޮތުން މަރުތެލޭތަކުން ހަމަލާދިން މައްސަލައިގައި ދައުވާކޮށްފައިވާ މީހުން ދައުވާއަށް އިންކާރުކުރުމުން، އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތައް ދައުލަތުން ހާމަކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް (24އ)، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، މާލޭ، ދަފްތަރު ނަންބަރު 2247، އަހުމަދު މައިސާން ހާޝިމް (20އ)، ތ. ގާދިއްފުށި، މުސްތަރީގެ ޝަމާލް ހުސެން (21އ)، އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު (23އ) ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުއްހައްނާން (23އ) އަދި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް (22އ) އެވެ.
ދައުލަތުން އެ ހުރިހާ މީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާތައް އިއްވައި ދައުވާ ސާފުކޮށްދީފައެވެ.
ދައުލަތުން ވިދާޅުވީ ޝަމީމަށް ހަމަލާދިނުގެ ކަންކަން ރޭވީ މިދުހަތު ކަމަށެވެ. މިދުހަތު ރޭވީ ޝަމީމް ނޫރު މިސްކިތް ކައިރީގައި ހުއްޓައި ގޮސް ހަމަލާދިނުމަށެވެ. މިދުހަތު އެ ހަމަލާ ރޭވީ އިތުރު ބަޔަކާއެކު ކަމަށް ދައުލަތުން ވިދާޅުވިއެވެ. ޝަމީމުގެ ބޮލުގައި މަރުތޭލަކުން ޖަހައިފައިވަނީ މިދުހަތު ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
ޝަމީމަށް ހަމަލާ ދިނުމަށް މިދުހަތު ރޭވި ރޭވުމުގައި ޖަޒްލާން ހިމެނޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ. ދައުލަތުން ވިދާޅުވީ ޝަމީމަށް ހަލަމާ ދިނުމުގެ ގޮތުން މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިޔައީ ޖަޒްލާން ކަމަށެވެ. މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިއުމަށް ޖަޒްލާން ބޭނުންކުރި ސައިކަލް ހޯދައިދީފައިވަނީ މައިސާން ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެ މައްސަލައިގައި ދެން ދައުވާ ލިބޭ މީހުން ތިބީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި އެ ސަރަހައްދުގައި މަޑުކޮށްގެން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެ މީހުން އެ ސަރަހައްދުން ގޮސްފައިވަނީ ޝަމީމަށް ހަމަލާދިން މީހުންނާއެކު ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ދައުވާ އިއްވައި ނިމުމުން އެ މީހުންގެ ވަކީލު މުހައްމަދު އިސްމާއީލް ވިދާޅުވީ ދައުވާ ރައްދުވާ ހުރިހާ ފަރާތްތަކުން ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
އެ ފަރާތްތަކުން ދައުވާއަށް އިންކާރުކުރުމުން މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ހެކި ހާމަކުރުމަށް އަންގަވައިފައެވެ.
ދައުލަތުން ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ވަނީ ޝަމީމު ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ޝަމީމަށް ހަމަލާދިން މަންޒަރު ފެނުނު މީހުންނާއި މައްސަލަ ތަހުގީގުކުރި ފުލުހުން ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އަދި ވަނީ ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެނަލިސިސްގެ ވީޑިއޯއެއް ހުށަހަޅައިފައެވެ. އެއީ ދައުވާ ރައްދުވާ ފަރާތްތަކުގެ މަންޒަރުތައް ދައްކުވައިދޭ އެނަލިސިސްއެކެވެ. މީގެ އިތުރުން ދައުވާ ރައްދުވާ ފަރާތްތަކަކީ ގޭންގަކަށް ނިސްބަތްވާ ބައެެއްކަން ސާބިތުކުރުމުގެ ގޮތުން އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެނަލިސިސް ރިޕޯޓެއް ވަނީ ހުށަހަޅައިފައެވެ.
އަދި ވަނީ ފުލުހުންގެ ތެރެއިން ގޭންގު ކުށްތަކުގެ ދެ ތަޖުރިބާކާރު ފުލުހަކު ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އެ ދެ ފުލުހުންނަކީ ތަޖުރިބާކާރުން ކަމަށް ދައުލަތުން ވިދާޅުވިޔަސް އެ މީހުންގެ ތައުލީމާއި ތަޖުރިބާ އެނގޭނެ އެއްވެސް ލިޔެކިޔުމެއް ދައުލަތުން ހުށަހަޅައިފައިނުވާތީ ގާޒީ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.
ގާޒީ ވިދާޅުވީ ހެކިވެރިންގެ ގޮތުގައި ތަޖުރިބާކާރުން ހުށަހަޅާއިރު އެ މީހެއްގެ އިލްމާއި ތަޖުރިބާ އެނގޭނެ ލިޔުންތައް ހުށަހެޅުމަށް ހެއްކާބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމަށެވެ. ގާޒީގެ އެ ވާހަކަތަކާ ގުޅިގެން އެކަމުގެ ލިޔުންތައް ފަހުން ހުށަހަޅުއްވާނެ ކަމަށް ދައުލަތުން ވިދާޅުވުމުން ގާޒީ ވިދާޅުވީ އެ ލިޔުންތައް ދެން ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުވެދާނެ ކަމަށެވެ.
އެއަށްފަހު ގާޒީ ވިދާޅުވީ ބައެއްގެ މައްޗަށް ސީރިއަސް ބޮޑެތި ދައުވާތަކެއް ކުރާއިރު ދައުލަތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. މި ހާދިސާއާ ގުޅިގެން ލިބުނު އަނިޔާގައި އަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން ޝަމީމް ފަރުވާ ހޯއްދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު