ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު އެގޮތުގައި ދަމަހައްޓަން ނިންމައި ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލައިގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގުބޮޑެތި ސާމާނުތައް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފައެވެ. އެތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރައެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އެ އަމުރު އިސްތިއުނާފު ކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައި ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށާއި މަންޑޭގެ މައްސަލައިގައި އަމުރު ނެރުނީ ވެސް އެގޮތަށް ކަމަށެވެ.

ދައުލަތުން ވަނީ މަންޑޭގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ކޮށްފައެވެ.

އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ މަންޑޭގެ މުދާ/އެޕާޓްމެންޓް ހިފެހެއްޓުމަށް ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރު ދަމަހައްޓައިދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން މަންޑޭގެ ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން އެދިފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް އަލުން އާ ކުރަން ކަމަށެވެ. ދައުލަތުން އެ އެޕާޓްމެންޓް ހިފަހައްޓައިގެން އުޅޭތާ މިހާރު އެއް އަހަރުވާން ކައިރިވެފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މީހެއްގެ މުދަލެއް ހިފެހެއްޓުމަށްފަހު، އެ ހިފެހެއްޓި ބޭނުމެއް ހާސިލުވުމުން، އެ މުދަލެއް އަނބުރާ ހަވާލުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. ދައުލަތުން އެ އެޕާޓްމެންޓް ހިފަހައްޓައިގެން އުޅުމުގެ ސަބަބުން ހާސިލުވި ހަމައެކަނި ކަމަކީ މަންޑޭގެ އާއިލާ މަގުމަތިވުން ކަމަށާއި އެކަމުގެ ސަބަބުން މަންޑޭ އަދި މަންޑޭގެ އާއިލާއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބެމުންދާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނަސް ކުށް ސާބިތުނުވާ ހިނދަކު އެ މީހަކީ މައުސޫމް މީހެއްގެ ގޮތުގައި ދެކިގެން އަމަލުކުރަން ޖެހޭ ކަމަށެވެ. މި މައްސަލައިގައި ދައުލަތުން މަސައްކަތް ކުރަމުންދަނީ މަންޑޭގެ މައްޗަށް ކުށް ސާބިތު ނުވަނީސް ކުށްވެރިއަކަށް ހަދައިގެން ކަމަށާއި އެކަން އެނގެނީ ދައުވާ ނުކުރަނީސް، މަންޑޭގެ އެޕާޓްމެންޓު ބަލައިފާސްކުރިކަމާއި އެ އެޕާޓްމެންޓުން ފެނުނު ތަކެތީގެ މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހާމަކުރުމުން ކަމަށް ވަކީލު ވިދާޅުވިއެވެ. މަންޑޭގެ ހާލަތު މިހާރު ހުރި ގޮތުންނާއި އޭނާގެ އާއިލާއަށް ލިބެމުންދާ ގެއްލުންތައް އަދި މަންޑޭގެ މައްޗަށް ކުށް ސާބިތު ނުވާތީ، އޭނާގެ އެޕާޓްމެންޓް ހަވާލުކޮށްދިނުމުގެ އަމުރަކަށް ވަކީލު ވަނީ އެދިފައެވެ.

ދިފާއުގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ މަންޑޭގެ އެޕާޓްމެންޓް ހިފެހެއްޓުމަށް ދައުލަތުން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށާއި އެޕާޓްމެންޓް ހިފެހެއްޓުމަށް އެދިފައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން މުދަލެއް ހޯދިގޮތުގެ ތަފުސީލު ހާމަކޮށް ނުދެވެންޏާ އެ މުދަލެއް ހިފެހެއްޓުމުގެ އިހުތިޔާރު ދައުލަތަށް ލިބިދީފައިވާ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ މަންޑޭ އެޕާޓްމެންޓް އޭނާ ހޯދި ގޮތް ދައުވާގައި ވެސް ބަޔާންކޮށްފައިވާނެ ކަމަށާއި މަންޑޭ، އެ އެޕާޓްމެންޓް ގަނެފައިވަނީ ކޭ-ޕާކު ރެސިޑެންޓުން އެޕާޓްމެންޓް ގަތުމަށް އެކި ފަރާތްތަކުން ދެއްކި ފައިސާއިން ކަމަށް ދައުވާގައި ބަޔާންކޮށްފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. މަންޑޭ، އެޕާޓްމެންޓް ގަނެފައިވަނީ 7.8 މިލިއަން ރުފިޔާއަށް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުލަތާ ސުވާލު ކުރައްވައިފައެވެ. އެގޮތުން ގާޒީ ސުވާލުކުރެއްވީ ދައުލަތުން ބޭނުންވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އެޕާޓްމެންޓް ބެހެއްޓުމުގެ އަމުރެއްތޯއާއި އެޕާޓްމެންޓް ހިފަހައްޓައިފައިވާއިރު އެތަނުގެ މެއިންޓެނެންސް ހަރަދާއި އެހެނިހެން ހަރަދުތަކަށް ދައުލަތުން ޒިންމާވާނެތޯއެވެ. ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ބޭނުންވަނީ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރެއް ކަމަށާއި މުދާ ހިފަހައްޓާ ފަރާތުން އެ ހިފަހައްޓާ މުދަލެއްގެ ކަންކަމާ ޒިންމާވާން ޖެހޭނެ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ގާޒީ ވަނީ މަންޑޭގެ އެޕާޓްމެންޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ގާޒީ އެގޮތަށް އަމުރު ނެރުއްވީ، ދައުލަތުން އެދިފައިވަނީ ވަގުތީ އަމުރަކަށްވުމުން، ކޮންމެހެން ކުށް ސާބިތުވާން ނުޖެހޭނެތީ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން ކުރިއަށް ގެންދިޔައީ މަންޑޭގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާފުކޮށްދިނުމާއި ދައުވާއަށް ޖަވާބުދާރީވުމުގެ ބައެވެ. ދައުލަތުން ދައުވާތައް ސާފުކޮށް ދިނުމުން މަންޑޭ ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދެން ދައުވާކޮށްފައިވާ ޖައިޝާން ސައީދު ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.

އެއާއެކު ގާޒީ ވަނީ މި މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމިފައިވާކަން އަންގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަސްދީފައެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުން ނާޅައިފިނަމަ ކުރިއަށް ގެންދަނީ ޝަރީއަތް ކުރުމުގެ މަރުހަލާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި މި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދެ ފަރާތަށް ހިއްސާކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށެވެ.

ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި އިރު، އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.

މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.