ދުވަސް ފެށޭ ގޮތަކުން، ދުވަހުގެ ބާކީ ބައި ހިނގާނެ ގޮތް ކަނޑައެޅިގެންދާ ކަމަށް މީހުން ބުނާ ބުނުމަކީ ވަރަށް ބޮޑު ތެދެކެވެ. ހެނދުނުގެ އާދަތައް ކޮންމެ މީހަކަށްވެސް ތަފާތެވެ. ނަމަވެސް، ފުރިހަމަ އަދި ރަނގަޅު ކާނާއެއް ކެއުމަކީ ހެނދުނުގެ ވަގުތު ފައިދާހުރި ގޮތެއްގައި ހޭދަކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ބުނެވޭ ގޮތުގައި ހެނދުނު ކާން އެންމެ ރަނގަޅީ ހެލްދީ ފެޓްސް، ޕްރޮޓީން އަދި ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވޭ ކާނާއެވެ. ދުވަސް ރަނގަޅު ގޮތެއްގައި ފެށުމަށްޓަކައި ރަނގަޅު އަދި ފައިދާހުރި އާދަތަކެއް އަށަގެންނެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދިކުދި ބަދަލުތައް ގެނައުމަކީ އުފާވެރިކަން އިތުރުވުމާއި، ދުޅަހެޔޮކަމާއި ޖުމްލަ ގޮތެއްގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށްވެސް މަގުފަހިވާނެ ކަމެކެވެ. މިހާރު އަހަރެމެން ދިރިއުޅެމުން އަންނަނީ ވަރަށް އަވަސް ދުވެއްޔެއްގައެވެ. އަދި އަބަދުވެސް ބަދަލުވަމުންދާ މި މާހައުލާ އެއްހަމައެއްގައި ތިބުމަށް ޓަކައި، ވަރުބަލިވުމާއި ހިތްވަރު ދެރަވުމެއް ނެތި ކުރިއަށް ދެވޭނެ ރަނގަޅު އާދަތަކެއް އަށަގަންނުވަން ޖެހެއެވެ.

ނާސްތާއަށް ހުސް ޓޯސްޓް ކެއުމުން ދުރުހެލިވާން ޖެހެއެވެ. ޕްރޮޓީނާއި ފައިބަރު އެކުލެވޭ ޓޯސްޓްގައި ގްލައިސެމިކް އިންޑެކްސް މަތިވެފައި، އެއީ ފުރިހަމަ ކެއުމެއް ކަމުގައި ނުބެލެވޭތީއެވެ. މީގެ ބަދަލުގައި ފުރިހަމަ ގޮވާމުގެ ނުވަތަ އޯޓްމީލް ޕޭންކޭކް، ޗިއާ ޕުޑިން ނުވަތަ އޯވަނައިޓް އޯޓްސް، ނުވަތަ ތަރުކާރީ ގިނައިން ލައިގެން ހަދާފައިވާ ޕަނީރު ނުވަތަ ބިސް ސޭންޑްވިޗް، ނުވަތަ ދޮންކެޔޮ ޕޭންކޭކް ފަދަ ހަށިގަނޑަށް ފައިދާ ހުރި ކާނާ އިހްތިޔާރުކުރެވިދާނެއެވެ. މި ކާނާތަކަކީ ގިނަ ވަގުތު ބަނޑުފުރިފައި ހުންނަ އަދި ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށް އެހީތެރިވާ ކާނާތަކެކެވެ.

ނާސްތާއަށް ކެވިދާނެ ކާނާގެ ވައްތަރުތައް ވަރަށް ގިނައެވެ. މިސާލަކަށް، ޗިއާ ސީޑްސް، އޯޓްސް، އަދި ފަތްކާނާ ފަދަ ރަނގަޅު ބާވަތްތައް ލައިގެން ސްމޫދީއެއް ހެދިދާނެއެވެ. އަދި އޭގެ އިތުރުން ގަސްގަހާގެހީން ނަގާފައިވާ ޕްރޮޓީން ސްކޫޕެއް އިތުރުކޮށްލައިފިނަމަ، މިނެޓުތަކެއްގެ ތެރޭގައި ފައިދާހުރި އަދި ބަނޑުފުރާލާ ނާސްތާއެއް ތައްޔާރުކުރެވޭނެއެވެ. މި ފަސޭހަ ނާސްތާ ރެސިޕީން ހަށިގަނޑަށް ހަކަތަ ލިބި، ދުވަހުގެ ބާކީ ބައި ހޭދަކުރުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ލިބޭނެއެވެ. މީގެ އިތުރުން، ފުރިހަމަ ގޮވާމުގެ ރޮށި ނަޓް ބަޓަރު ނުވަތަ އެވޮކާޑޯއާއެކު ކެވިދާނެއެވެ. މިއީ ބޭނުންތެރި ފެޓްސް ލިބޭ ރަނގަޅު ކާނާއެވެ. އަދި މިއިން ބަނޑުފުރި، ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.

ކާނާގެ މާހިރު އަދި ހަކުރު ބަލީގެ ތަމްރީނު ލިބިފައިވާ ޑރ. އަރްޗަނާ ބަޓްރާ ބުނާ ގޮތުގައި، "ނާސްތާއަށް ނަޓްސް، މޭވާ ނުވަތަ ސީޑްސް އިތުރުކުރުމަކީ އިތުރު ފައިދާއެކެވެ. މިއިން ގިނަ ވަގުތު ހަކަތަ ދެމެހެއްޓުމަށާއި ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދެއެވެ. ރަނގަޅު، ފުރިހަމަ ނާސްތާއަކުން ދުވަސް ފެށުމަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމާއި، ހަކުރު ބަލީގެ މީހުންނަށް ދުވާލުގެ މެދުތެރޭގައި ވަރުބަލިވުމުގެ ފުރުސަތު ކުޑަކުރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ."

ހަށިގަނޑުން ފެން މަދުވުމަކީ އާންމު ކަމެކެވެ. އެހެންކަމުން، ހަށިގަނޑަށް ފެން ރަނގަޅަށް ފޯރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހެންނޫންނަމަ، ބާރު ދެރަވުމަށް ނުވަތަ ސަމާލުކަން ގެއްލުމަށް މަގުފަހިވެދާނެއެވެ. މާހިރުން ލަފާދޭ ގޮތުގައި، ދުވަސް ފެށުމުގައި ފެން ނުވަތަ ކެލަރީ މަދު ނުވަތަ ހާބަލް ފެން ފަދަ ގަސްގަހާގެހިން ހަދާ ބުއިމެއް ބުއިމަކީ ފައިދާހުރި ކަމެކެވެ. ހަށިގަނޑަށް ފެން ފޯރުކޮށްދިނުމުން ކާނާ ހަޖަމުކުރުމަށާއި ކާނާގެ ބާވަތްތައް ހަށިގަނޑަށް އަތުރާލުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ފެން ބުއިމުން ކިޑްނީގެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރުމަށް އެހީތެރިވެދޭކަމާއި ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ.

"އީޓް ކްލީން ވިތް އެޝަންކާ" ގެ ބާނީ އަދި ކާނާގެ މާހިރު އެޝަންކާ ވާހީ ބުނާ ގޮތުގައި، ދުވަސް ފެށުމުގައި ވަރަށް ފައިދާހުރި ރަނގަޅު އެއް އާދައަކީ ފެން ތަށްޓަކަށް ލޮނުމެދު ފިއްތާލައިގެން ބުއިމެވެ. މިއީ ދުވަސް ފެށުމަށް ވަރަށް ރަނގަޅު ގޮތެކެވެ.

މި ބުއިމުން ހަށިގަނޑުން ވިހަ ތަކެތި ނައްތާލުމަށާއި، ހަށިގަނޑުގެ ޕީއެޗް ބެލެންސް ކުރުމަށާއި، ކާނާ ހަޖަމުކުރުމަށް އެހީތެރިވެދޭނެއެވެ. މިއީ ދިގު މުއްދަތެއްގައި ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ބައެއް އާދަތަކެވެ.

އާންމުކޮށް ކުރެވޭ އެއް ކަމަކީ ފެން ބުއުމުގެ ކުރިން ހެނދުނުގެ ކޮފީ ބުއިމެވެ. މިއީ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވައިފާނެ ކަމެކެވެ. ކޮފީ ބޯން ވާނީ ފެން ތަށްޓެއް ބޮއިގެން ހަށިގަނޑަށް ފެން ފޯރުކޮށްދިނުމަށްފަހު 10-15 މިނެޓު ފަހުންނެވެ.

ކާނާއާއި ބުއިންތަކުގެ އިތުރުން، ހެނދުނު ހަށިގަނޑު ހަރަކާތްކުރުވުމަކީވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ހަށިގަނޑު ހަރަކާތްކުރުވުން ކަމަށް ބުނާއިރު، ކޮންމެހެން ބަރު ތަމްރީނުތަކާއި ކާޑިއޯ ކުރާކަށް ނުޖެހެއެވެ. މިއީ ކޮންމެ މީހަކު އިހުތިޔާރުކުރާ ގޮތަކަށް ތަފާތުވެދާނެ ކަމެކެވެ. ސްޓްރެޗިން، ޔޯގާ ނުވަތަ ހެނދުނު ހިނގާލުން ފަދަ ލުއި ޖިސްމާނީ ހަރަކާތަކުންވެސް ލޭ ދައުރުކުރުމަށް އެހީތެރިވެދެއެވެ.

މި އާދަތަކުގައި ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، މިކަންކަން ކޮންމެ ދުވަހަކުވެސް އެއްވެސް މެދުކެނޑުމެއްނެތި ކުރެވިދާނެއެވެ. މި އާދަތަކާއެކު، ޔޯގާ ނުވަތަ ސްޓްރެޗިން ފަދަ ކުޑަ ހަރަކާތެއް ކުރުމުން ހަށިގަނޑު ހަރަކާތްތެރިވެ، ލޭ ދައުރުވުން އިތުރުވެއެވެ.