ފެނަކަ ކޯޕަރޭޝަންގެ ހާލަތު ރަނގަޅުކުރުމަށް އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އަންނަ އަހަރުން ފެށިގެން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. ފެނަކައަކީ އެސްޓީއޯގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެސްޓީއޯ އިން ފެނަކައިގެ 100 ޕަސަންޓު ހިއްސާ ގަނެ، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވީ ނަމަވެސް، ފެނަކައިގެ ހާލަތު ރަނގަޅުކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އެގޮތުން މިސާލަކަށް ސިނާޖީ ހާސިލުކުރެވޭ ގޮތަށް ސްޓެލްކޯއާ ފެނަކަ އެއްކޮށްލުން ފަދަ މަސައްކަތްތަކެއް ކުރުމަށް ދިރާސާކޮށް ކުރިއަށްއޮތް އަހަރު ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
މިދިޔަ ސަރުކާރުގައި ފެނަކަ ހިންގި ގޮތުން އެ ކުންފުނީގެ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. ގިނަ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ އޮތުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، ފެނަކައިގައި މިހާރުވެސް 4.1 ބިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތެވެ.
ސަރުކާރުން އަންނަނީ ރިފޯމުކުރަން ޖެހޭ ކުންފުނިތަކަށް ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އެއްކޮށްލުމާއި، އެޗްޑީސީގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަދަލުކުރުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުން އަންނަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތައް އެއް ކުންފުންޏެއްގެ ދަށުން ހިންގުމަށް ވެސް ވަނީ ނިންމައިފައެވެ. އެ މަސައްކަތުގެ ދަށުން އެގްރޯނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު