ދައުލަތުގެ މަގާމުތަކުގައި ތިބެ، ނުހައްގު މުއްސަނދިކަން ހޯދާ މައްސަލަތަކުގައި ވެރިންނަށް ދައުވާކުރަން ފަސޭހަވާނެ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ފޮނުވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާފައި އޮތްގޮތުން ގާނޫނު މާނަކުރުމުގައި އޮޅުން އަރާތީ، އެ މާއްދާ އިސްލާހުކުރުމެވެ. އެގޮތުން އެ މާއްދާގައި ހިމެނޭ ކުށްތައް އިތުރަށް ބިލުގައި ވަނީ ތަފްސީލުކޮށްދީފައެވެ.
އެ މާއްދާއަށް ގެންނަ އިސްލާހުގައިވާ ގޮތުން، ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވުން ނުވަތަ އެފަދައިން ގާއިމުކުރާ ދިރިއުޅުމުގެ ފެންވަރު ދަމަހައްޓާފައިވުމަކީ ކުށެކެވެ.
އިސްލާހުގައި ވަނީ، ދައުލަތުގެ މުވައްޒަފަކަށް ހުރި އިރު، ލިބެމުންދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށް ހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދައި މިލްކުކުރުމަކީ ވެސް ކުށެއް ކަމަށެވެ.
އޭގެ އިތުރުން އެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމުކޮށް ހިފަހައްޓާފައިވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށްނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ނުވަތަ ފައިސާ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިންކަން ސާބިތުކޮށްނުދެވިއްޖެ ނަމަ، އެއީވެސް ކުށަކަށް ވާނެއެވެ.
ނަމަވެސް، ދައުލަތުގެ މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމުކޮށް ހިފަހައްޓާފައިވަނީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިން ކަމުގައިވާ ނަމަ، ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ނުވަތަ ފައިސާ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކަމުގައިވާ ނަމަ، އެ ހާލަތުގައި އެކުރަނީ ކުށެއް ނޫނެވެ.
އިސްލާހުގައި ބުނެފައިވަނީ، އެ ކުށުގެ ދައުވާ ލިބޭ މީހަކާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މިލްކުކުރާ މުދާ ނުވަތަ ފައިސާ، އެމީހެއްގެ ނަމުގައި އެ ހުރި ދައުވާ ލިބޭ މީހާގެ ބޭނުމަށްޓަކައި ނުވަތަ އޭނާއަށް މަންފާ ލިބިދެވޭގޮތަށް ކަމުގައި ނުވަތަ އޭނާގެ ބާރު ހިނގާގޮތަށް ކަމުގައި ކޯޓަށް ސާބިތުކޮށްދީފި ކަމުގައިވާ ނަމަ، އެ މުދަލެއް ނުވަތަ ފައިސާއަކީ ދައުވާ ލިބޭ މީހާގެ ނަމުގައި ހުރި މުދަލެއް ނުވަތަ ފައިސާއެކޭ އެއްފަދައިން، އެމީހަކަށް ނިސްބަތްކުރެވޭނެ މުދަލެއް ނުވަތަ ފައިސާއެއް ކަމުގައިވާނެ ކަމަށެވެ.
އެ ކުށް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ މަގާމެއްގައި ހުރި ފަރާތަކުން ކަމުގައިވާ ނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ދިހަ އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާ އިރު، އެއީ ތިން އަހަރާއި ހަ އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ ބިލު ފޮނުވާފައި މިވަނީ، ދައުލަތުގެ އިދާރާތަކުގެ ތެރޭ ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު