ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތަށް ޕާޓީގެ ގައުމީ މަޖިލިސް ނުބޭއްވިޔަސް ޕާޓީ އުވާ ނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހުކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީ އުވާލަންވާނެ ކަމަށް ބުނާ ހަތަރު ހާލަތެއް ގާނޫނުގެ 30 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރެއިން އެއް ހާލަތަކީ 30 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގައި ބުނާ ހާލަތެވެ. އެއީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ޕާޓީގެ ގައުމީ ބައްދަލުވުން ނުބޭއްވުމެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އެގޮތަށް ގައުމީ ބައްދަލުވުން ނުބާއްވައިފިނަމަ ޕާޓީ އުވާލެވޭނެއެވެ.
ނަމަވެސް ސިޔާސީ ޕާޓީގެ ގާނޫނަށް މިއަދު ގެނައި އިސްލާހުގައި ވަނީ ގާނޫނުން އެ އަކުރު އުނިކުރަން ފާސްކޮށްފައެވެ. އެހެންކަމުން އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ގެެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފެށުމުން، ގައުމީ ބައްދަލުވުން ނުބާއްވައިގެން ސިޔާސީ ޕާޓީ އުވައެއް ނުލެވޭނެއެވެ.
މީގެ އިތުރުން މި ބިލުން ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ ޕާޓީ ޕްރައިމަރީގައި ވާދަކުރާ މެންބަރުން އެހެން ހައިސިއްޔަތުން ހަމަ އެ އިންތިހާބުތަކުގައި ބައިވެރިވެވޭ ގޮތް ހެދުމެވެ.
ގާނޫނުގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ގާނޫނުުގައި ބުނެއެވެ. ނަމަވެސް މިއަދު ފާސްކުރި ބިލުން ފާސްކޮށްފައި ވަނީ އެ މާއްދާވެސް އުވައި ލުމަށެވެ.
މި ބިލު މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެވަގުތު ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވީ ބިލް އެގޮތަށް ފާސް ނުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު