ކުރިއަށް އޮތް 2025 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގެ އިގުތިސޯދުގައި އިތުރު ހަކަތައެއް އުފެދި ކުރިއަށް އަރައިގެންދާނެ އަހަރަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީީ)ގެ "ޓްރާންސްފޯމިން ޓުމޯރޯ"ގެ ޕްރޮޖެކްޓުތައް ލޯންޗުކުރުމަށް ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތުން ދެން މި ރާއްޖެ އިތުރަށް ދަރަނިވެރިނުވާނެކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

މި އަންނަ އަހަރު ބޮޑެތި ބިޔަ މަޝްރޫއުތަކެއް ފަށާނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް 6.6 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރި ނަމަވެސް 6.8 ޕަސެންޓް ނުވަތަ ހަތް ޕަސަންޓަށް ކުރިއަރައިގެންދާނެ ލަފާކުރެވޭ ކަމަށެވެ.

"މި އަންނަ އަހަރަކީ އަވަދިނެތި ދިވެހިރާއްޖޭގައި ދިވެހި ވިޔަފާރިވެރިން، ދިވެހިރާއްޖޭގެ އިގުތިސޯދުގައި ހަކަތަ އުފެދިގެންދާނެ ކާމިޔާބު އަހަރަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ،... ކީއްވެގެންތޯ އަޅުގަނޑު ދަންނަވާލަނަން. އުމްރާނީ ބޮޑެތި މަސައްކަތްތަކެއް، ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެލޮކޭޝަން ބަޖެޓުގައ ގާއިމުކުރެވިފަ ބޯހިޔާވަހިކަމަށް. ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕްތަކުގެ ތެރެއިން އަންނަ ބޮޑެތި އިންވެސްޓުމެންޓުތަކަށް އަދި ފޮރިން އިންވެސްޓުމެންޓުތަކަށް، ފައިނޭންޝިއަލް ސެންޓަރު މިރާއްޖޭގެ ގާއިމުކުރުމަށް، އެގްރިކަލްޗާ އިކޮނޮމިކަލް ޒޯން މިރާއްޖޭގައި ގާއިމުކުރުމަށް، އުތުރުގައި ބަނދަރު ހަދަން ފެށުމަށް އަދިވެސް މިހެން ހުރި އުމްރާނީ އެތައް ބިޔަ މަޝްރޫއުތަކެއް ފެށިގެންދާއިރުގައި ހަރަކާތްތެރި އިގުތިސޯދެއް މި ރާއްޖޭގެ އޮންނާނެ ކަމާމެދު އެއްވެސް ބޭފުޅެއް ޝައްކު ނުކުރައްވާނެ،" ސައީދު ވިދާޅުވިއެވެ.